ގައުމީ އެއާލައިން މޯލްޑިވިއަން އިން އައްޑޫސިޓީއަށް ފަހްތާއަކު އެއް ކާގޯ ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި އޮތުމާއެކު އަތޮޅުތަކުގެ ވެސް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައިވާތީ އަތޮޅުތަކުގެ ރަށް ރަށަށް މުދާ ފޮނުވުމަށް ބާއްވާ ކާގޯފްލައިޓުން ހަފްތާއަކު އެއް ފްލައިޓް އައްޑޫސިޓީ އަށް ބާއްވާނެ ކަމުގެ ޔަގީންކަން މަބްރޫކް ވަނީ ދެއްވަވާފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ކޮންފަރެންސްގައި “އެއޯނިއުސް” އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް އިތުރަށް ވިދާޅުވީ، އެލްޖީއޭ އާއި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ބާއްވަން ހަމަ ޖައްސާ ފްލައިޓްތަކުގައި ކަރަންޓީންކުރެވިފައިވާ ބޭފުޅުން ރިލީޒް ކުރެވިފައިވާ މީހުން އެމީހުންގެ އަތޮޅަށް ގެންގޮސްދިނުމުގެ މަސައްކަތް ކުރުމާއި އެކު އެ އަތޮޅަކަށް ބޭނުންވާ ކާބޯތަކެތީގެ ކާގޯ ފްލައިޓްތަކުން ހަފްތާއަކު އެއް ފްލައިޓް އައްޑޫއަށް ފޮނުވަން ހަމަޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ވިޔަފާރި ވެރިންނަށް ދިމާވެދާނެ ދަތި ތަކަށް ބަލައި މިއަދަަދު އިތުރުކުރުމަށް ވެސް ވިސްނަވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
އައްޑޫ ސިޓީ އަކީ ދަނޑުވެރިކަން ކުރާ އަތޮޅަކަށް ވީ ނަމަވެސް ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން ބޭރުން ގެންނަ ތަރުކާރީ އަދި މޭވާ ފަދަ ތަކެތި ރާއްޖެއަށް އެތެރެ ނުވުމުގެ ސަބަބުން މި ދުވަސްކޮޅު އައްޑޫ ސިޓީގައި މިތަކެތި ލިބުންވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ ރަށްރަށަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް ހުއްޓާލާފައި ވަނީ، މާލެ ސަރަޙައްދު ފުރަބަންދުކޮށް އެލާޓް ލެވެލް ރަތަށްވެސް ޖައްސާފައި ވަނިކޮށެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.