English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

އެކަން ހާމަކުރައްވާފައި ވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 13 ވަނަ ނަންބަރު ދެންނެވުމުގައެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށްވާތީ، ރަމަޟާން މަހުގެ ދުވަސްތަކުގައްޔާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމާބެހޭ ގޮތުން ރައީސް އޮފީހުން ނެރުއްވާފައިވާ މި އަހަރުގެ 11 ވަނަ ނަންބަރު ދެންނެވުމުގައިވާ ގޮތަށް ޢަމަލުކުރެއްވުމަށްވެސް މިއަދު ނެރުއްވި ދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މި ހިނގާ އޭޕްރީލް މަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ. ކޮވިޑް-19 އަށް ރާއްޖެއިންވެސް މިހާތަނަށް 116 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެއިންނެވެ.