English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގައި ގަނެވިއްކުމުގެ ޚިދުމަތްދޭ ފިހާރައެއް - ފޮޓޯ: އާކައިވް

މުދާ ވިއްކުމާއި ޚިދުމަތް ދިނުމުގައި ވަކި ފަރާތެއް ތަފާތުކުރާ ވިޔަފާރިތަކާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ވިއްކާ ތަކެތި ކޮވިޑް-19 އާ ގުޅިގެން، މުދަލާ ނުބައްދަލު އަގެއްގައި ވިއްކާ ފަރާތްތަކާއި، އިލެކްޓްރޯނިކް ޒަރީޢާއަކުން މުދާ ގަންނަން އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް އިސްތިޙާރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން، ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާ މުދަލެއް ވިއްކުމުގައި، ނުވަތަ ޚިދުމަތް ދޭ ފަރާތަކުން އެފަރާތަކުންދޭ ޚިދުމަތެއް ދިނުމުގައި، ނަހަމަގޮތެއްގައި ވަކި ފަރާތެއް ތަފާތު ކުރުމާއި، އެފަދަ ގޮތެއްގައި، މުދަލެއް ވަކި ފަރާތަކަށް ނުވިއްކުމާއި ޚިދުމަތް ވަކި ފަރާތަކަށް ނުދިނުމަކީ ކުށެއް ކަމަށެވެ.

މީގެ އިތުރުން މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އޮންލައިން ޒަރީޢާއިން މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުންދާއިރު، އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން، ވިޔަފާރިއަކުން ފޯރުކޮށްދޭ ޚިދުމަތަކީ، ވަކި ފެންވަރެއްގެ ޚިދުމަތެއްކަމަށް ޙަޤީޤަތާ ޚިލާފަށް ބަޔާންކުރުމަކީވެސް މަނާކަމެކެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި، ހަމަ އެ ޤާނޫނުގެ ދަށުން، މުދަލާ ނުބައްދަލު އަގެއްގައި މުދާ ވިއްކަމުންދާނަމަ، ރާއްޖޭގައި ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އެއިރެއްގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މުދަލުގެ އަގު ކޮންޓްރޯލްކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި 8 ވަނަ މާއްދާގެ (ނ) އާ ޚިލާފުވާ ފަރާތްތަކާބެހޭ ޝަކުވާ އިކޮނޮމިކް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

އަދި އެ ޤާނޫނާ ޚިލާފުވާ ކޮންމެ ފަރާތަކަށްވެސް، ކޮވިޑް19 އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކުރެވިފައިވާ މުއްދަތުގައި ވިޔަފާރިކުރުމަށް ނުވަތަ މުދާ ޑެލިވަރކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، އެ ޤާނޫނާ ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެންމެ ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު، ސަރުކާރުން ވަނީ ކާޑުގެ ބާވަތްތަކާއި ފިޔާ އާއި އަލުވީގެ އިތުރުން ބިހުގެ އަގު ކޮންޓްރޯލްކޮށްފަ އެވެ. އެގޮތުން ފިޔާ އާއި އަލުވި އެންމެ ބޮޑުވުގެން ވިއްކޭނީ 20ރ. އަށް ކަމަށްވާއިރު، ކުކުޅު ބިސް ވިއްކޭނީ އެންމެ ބޮޑުވެގެން 1.80ރ. އަށެވެ. އަދި މުގު ވިއްކޭނީ ކިލޯއެއް 45ރ. އަށް ކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.