English Edition
Dhivehi Edition
ފޮޓޯ: އެޑިޝަން އެމްވީ

ކޮވިޑް19 ރާއްޖޭގައި ފެތުރެމުން އަންނަ މިދަނޑިވަޅުގައި އައްޑޫގެ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެންއީއޯސީގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި “އޭއޯނިއުސް” އިން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އައްޑޫސިޓީގައި މިހާރު ކޮވިޑް19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ދާދިފަހުން އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައްޑޫސިޓީގައި އާއްމު ވިޔަފަރިތަކާއި ޑެލިވަރީ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވަނީ އެކަށީގެންވާ ގޮތެއްގައިކަން ފާހަގަކުރެވިފައިވާތީ އާއި އަދި މިހާލަތުގައި ވިޔަފާރި ކުރުމަށް ގޭބީސީތަކުން ބޭރަށް ނުކުތުމަކީ އެއްގޮތަކަށްވެސް ރައްކާތެރިކަމަކަށް ނުވާތީ އައްޑޫގައި ވިޔަފާރިތަކުން ދެވޭނެ ޚިދުމަތަކީ ހަމައެކަނި އެރަށެއްގެ ގެތަކަށް ޑެލިވަރީގެ ހިދުމަތް ދިނުންކަމުގައި ދަންނަވާ ކަމަށެވެ.

އެގޮތުން އާއްމު ވިޔަފާރީގެ ޚިދުމަތް ފިހާރަ ހުޅުވައިގެން ދިނުމަކީ މަނާކަމެއް ކަމަށް ކައުންސިލްގެ އިޢުލާނުގައި ބުނެފައި ވެއެވެ. އައްޑޫސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ޢާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު ނަންބަރު 2012/7 ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން، މާލެސިޓީ ވިލިގިލި އަދި ހުޅުމާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށް ތަކުގައި، ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބީސީތަކުން ބޭރަށް ނިކުމެ ވިޔަފާރި ކުރުމަށް ވިޔަފާރި ކުރާތަންތަން ހުޅުވާފައި ބެހެއްޓޭނެ ތަންތަނާއި ގަޑިތަކާއި ވިޔަފާރި ކުރަމުންދާ ފަރަތްތަކުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ކަނޑައަޅާނީ އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ކަމަށެވެ.

ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދައެއްގެ ދަށުން ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް ކަސްޓަމަރުން ގޮސް، ޚިދުމަތް ހޯދުމަށް، 22 އެޕްރިލް 2020 އިން ފެށިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ، ހެނދުނު 09:00 އިން ދަންވަރު 00:00 އާ ދެމެދުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ނެރުނު އިޢުލާނެއްގައިވަނީ ބުނެފައެވެ.

އެހެން ނަމަވެސް އައްޑުސިޓި ކައުންސިލުން އައްޑޫސިޓީގެ އެއްވެސް ފިހާރައެއް ހުޅުވައި ޢާއްމުންވަދެ ވިޔަފާރި ކުރުންވަނީ މަނާކޮށްފައެވެ. އައްޑޫސިޓީގެ ހުރިހާ ފިހާރަތަކަކުންވެސް ހަމައެކަނި ކުރެވެނީ ޑެލިވަރީގެ ހިދުމަތެވެ.ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ މިދަނޑިވަޅުގައި އައްޑޫސިޓީގައި ހަދާފައިވާ މިގަވައިދަކީ އެންމެ ރަނގަޅުގަވައިދު ކަމަށް ގިނަ ރައްޔިތުން ދެކެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19ގެ 94 ކޭސްފެނިފައިވާއިރު އޭގެތެރެއިން 16މީހަކު ވަނީ އެއްކޮށް ބަލިން ރަނގަޅުވެފައެވެ. އައްޑޫސިޓީގައި ކޮވިޑް19 އަށް ޝައްކު ކުރެވޭ ފަރާތް ތަކުގެ ސާމްޕަލްނަގައި ޓެސްޓްކޮށްފައިވެއެވެ. މިހާތަނަށް އައްޑޫގެ އެއްވެސް ސާމްޕަލް އެއް ޕޮޒިޓިވް ވެފައި ނުވެއެވެ.