English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އިޓަލީ އިން މަރުވި މީހުންގެ އަދަދު 25،000 އަށް އަރައިފިއެވެ.

އެ ގައުމުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 437 މީހުން މަރުވެފައިވާއިރު، މިއީ އޭގެ ކުރީ ދުވަހު މަރުވީ 534 މީހުންނާ އަޅާބަލާއިރު މަދު އަދަދެކެވެ.

އެހެންނަމަވެސް، އިއްޔެ އެ ގައުމުގައި އަލަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ އޭގެ ކުރީ ދުވަހަށްވުރެ އިތުރުވެފައެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،370 މީހުންނަށް މުޅީން އަލަށް ބަލިޖެހިފައިވާއިރު، އަންގާރަ ދުވަހު ބަލިޖެހުނު މީހުންގެ އަދަދަކީ ގާތްގަނޑަކަށް 2،729 އެވެ. އަދި މި ދެދުވަހު ޖުމްލަ 6،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވުމާއެކު، މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު ވަނީ 187،000 އަށްވުރެ އިތުރުވެފައެވެ.

މީގެިއތުރުން، އެ ގައުމުގައި މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން 54,543 މުޅީން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 107,699 އެވެ. އަދި 2،300 އަށްވުރެ ގިނަ މީހުންނަށް ހާލު ބޮޑުވެގެން މިވަގުތު އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެއެވެ.

މުޅި ދުނިޔެއިން މިހާތަނަށް 2.6 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެ 183،723 މީހުން މަރުވެފައިވާއިރު، އެންމެ ގިނައިން މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެ ގައުމުގެ 47,430 މީހުން މަރުވެފައިވާއިރު، ދެން އެންމެ ގިނައިން މީހުން މަރުވެފައިވާ އިޓަލީގެ އަދަދަކީ 25,085 އެވެ. އަދި ސްޕެއިނުގައި މި ބަލިޖެހިގެން 21,717 މަރުވެފައިވާއިރު، ފްރާންސް ގައި 21,340 މީހުން ވަނީ މަރުވެފައެވެ.

އެންމެ ގިނައިން މީހުން މަރުވި ގައުމުތައް:

  • އެމެރިކާ – މަރުވި: 47,430 ބަލިޖެހުނު: 844,992
  • އިޓަލީ – މަރުވި: 25,085 ބަލިޖެހުނު: 187,327
  • ސްޕެއިން – މަރުވި: 21,717 ބަލިޖެހުނު: 208,389
  • ފްރާންސް – މަރުވި: 21,340 ބަލިޖެހުނު: 159,877
  • އިންގްލެންޑް – މަރުވި: 18,100 ބަލިޖެހުނު: 133,495
  • ބެލްޖިއަމް – މަރުވި: 6,262 ބަލިޖެހުނު: 41,889
  • އީރާން – މަރުވި: 5,391 ބަލިޖެހުނު: 85,996
  • ޖާމަނީ – މަރުވި: 5,250 ބަލިޖެހުނު: 150,062
  • ޗައިނާ – މަރުވި: 4,632 ބަލިޖެހުނު: 82,788
  • ހޮލެންޑް – މަރުވި: 4,054 ބަލިޖެހުނު: 34,842