English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގައި ގަނެވިއްކުމުގެ ޚިދުމަތްދޭ ފިހާރައެއް - ފޮޓޯ: އާކައިވް

ހެނދުނު 9:00 އިން ރޭގަނޑު 12:00 އާއި ދެމެދު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގޮތް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދައެއްގެ ދަށުން ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް ކަސްޓަމަރުން ގޮސް، ޚިދުމަތް ހޯދުމަށް، 22 އެޕްރިލް 2020 އިން ފެށިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ، ހެނދުނު 09:00 އިން ދަންވަރު 00:00 އާ ދެމެދު ކަމަށެވެ. އަދި ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓަށް ފިހާރަ ބަންދުކުރަންވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކުގައި ވިޔަފާރިކުރާއިރު، ފިހާރައާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ އިރުޝާދުތައް އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކުރުމާއި ގުޅިގެން ޢާންމު ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދެމުން އަންނައިރު، ޑެލިވަރީގެ ޚިދުމަތްތައް ލިބުމުގައި ބައެއް މީހުންނަށް އަންނަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް އެއް ރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފައިވާއިރު، އައްޑޫ ސިޓީގައިވެސް ޢާންމު ވިޔަފާރީގެ ޚިދުމަތް ދިނުން މަނާކޮށް، ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވަނީ އަންގައިފަ އެވެ.