ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް އައްޑޫ ސިޓީން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އައްޑޫ ކޮވިޑް-19 ޓާސްކް ފޯސް އިން ބުނެފި އެވެ.
އެގޮތުން އައްޑޫ ކޮވިޑް-19 ޓާސްކު ފޯސްގައި އިސްކޮށް ހަރަކާތްތެރިވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ މެނޭޖަރ ޝަރަފު ސާދާތު (ސާތު) “އޭއޯ ނިއުސް” އާއި ވާހަކަދައްކަވަމުން ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން މިހާތަނަށް އައްޑޫ އިން ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު އައްޑޫން ނެގި ހަތް ސާމްޕަލެއް ޓެސްޓްކުރުމަށް ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ކުރިން ޓެސްޓް ކުރި މީހެއްގެ ދެވަނަ ސާމްޕަލް ހިމެނޭ ކަމަށް ސާތު ވިދާޅުވި އެވެ.
މިހާތަނަށް ނެގި ސާމްޕަލްތައް ނެގެޓިވްވެފައި ވީނަމަވެސް، ކޮންމެ ވަގުތެއްގައިވެސް ޙާލަތު ބަދަލުވެދާނެ ކަމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން މިހާރު އަންގާފައިވާ އެންގުންތަކަށް ކިޔަމަންވާން ޖެހޭ ކަމަށްވެސް ސާތު ވިދާޅުވި އެވެ.
އަދި އައްޑޫ ސިޓީގައި މީގެ ކުރިން ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދިޔަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރުއެޗް) ކޮވިޑް ހޮސްޕިޓަލެއްގެ ގޮތުގައި ތައްޔާރުކުރަމުން އަންނަ ކަމަށްވެސް ސާތު ވިދާޅުވި އެވެ.
އެޗްއާރުއެޗްގެ އިތުރުން ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ގަމުގައި ހުންނަ ދޫގަސް ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ސާދާތު ވިދާޅުވިއެވެ. މީގެ އިތުރު އޭނާ ވިދާޅުވީ ކަރަންޓީން ފެސިލިޓީސް ގެ ގޮތުގައި އިތުރު ތަންތަން ވެސް ތައްޔާރުވަމުން އަންނަ ކަމަށާއި އައްޑޫގައި އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ބޭނުންކުރާނެ ތަންތަން ހަމަޖެހިފައިވާނެ ކަމަށެވެ.
“މިވަގުތު ކަރަންޓީން ފެސިލިޓީ އެއްގައި އެއްވެސް މީހަކު ނެތް. އައްޑޫން މިހާތަނަށް ނެގި ހުރިހާ ސާމްޕަލް ތަކެއްގެ ނަތީޖާ ވެސް ވަނީ ލިބިފައި . ހުރިހާ ނަތީޖާތަކެއްވެސް ނެގެޓިވް. މިވަގުތު ނަތީޖާ ނުލިބޭ އިތުރު ސާމްޕަލް އެއްނެތް” ސާދާތު ވިދާޅުވިއެވެ.
ކޮވިޑް 19 އާއި ގުޅިގެން އެޗްއާރުއެޗްގައި ފުލޫކުލިނިކެއް ހުޅުވާ އެތަނުން ޚިދުމަތް ދެމުން އަންނައިރު އެޗްއާރުއެޗް އިން މީގެ ކުރިން ދެމުން ގެންދިޔަ ހުރިހާ ޚިދުމަތެއް މިހާރު ދެމުން އަންނަނީ ހިތަދޫ ގައި އަލަށް ހަދާފައިވާ އޭއީއެޗްގައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ޢާންމު ވިޔަފާރީގެ ޚިދުމަތް ދިނުން މަނާކޮށްފަ އެވެ. އެގޮތުން މިހާރު އައްޑޫގެ ފިހާރަތަކުން ދެވޭނީ އެ ރަށެއްގެ އެސްއެސްޑީގެ ހުއްދަ ހޯދައިގެން ހަމައެކަނި ޑެލިވަރީގެ ޚިދުމަތެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ބޯކޮށާ ތަންތަނުގެ ޚިދުމަތް ދިނުންވެސް ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލުމަށް އަންގައިފަ އެވެ.
ކޮވިޑް-19 މިހާރު މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ގޮސްފައިވާ މީހުން އަމިއްލައަށް އެކަހެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެއް ރަށުން އަނެއް ރަށުން ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެވެ.
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ އަށް އައްޑޫ ހިތަދޫ ނޫމަސްވާދީ މޮނިޓަރިންގްގެ ޙާލަތަށް ގެނައި ނަމަވެސް، އެގެއިން ނެގި ދެ ސާމްޕަލްވެސް ވަނީ ނެގެޓިވްވެފަ އެވެ.