އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށްވެސް އިރުއޮއްސި 6 ގެ ފަހުން ނޭރޭނެ ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ކޮވިޑް 19 ބަލި ފެތުރެމުންދިއުމާއި ގުޅިގެން އައްޑޫސިޓީގައި ހިނގަމުން ދާ ކަންތައް ތަކުގެ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވުމަށް އައްޑޫ ސޯޝަލް ސަޕޯޓް ޑެސްކުން ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ އެޗްޕީއޭއިން އަންގާފައިވާ އެންގުމާއި އެއްގޮތަށް އައްޑޫސިޓީގެ ހުރިހާ ރަށެއްވެސް އިރުއޮއްސި 6 ގެ ފަހުން ބަންދުވާނެ ކަމަށާއި މިކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ތިބެ ގޭގައި މަޑުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް އައްޑޫސިޓީގެ ރަށް ތައް އެއްރަށް އަނެއް ރަށާއި ގުޅިފައި ވުމުން މިއަދު އިރުއޮއްސި 6 ގެ ފަހުންވެސް ގިނަ ބަޔަކު ޤަބޫލު ކުރީ އެއްފަސް ވެފައިއޮތް ހުރިހާ ރަށަކަށް އެރޭނެ ކަމަށެވެ. އެހެންނަމަވެސް ފުލުހުންވަނީ މަގުބަންދުކޮށް މަގުމަތި ޕެޓްރޯލް ކުރަންވެސް ފަށާފައެވެ. އަދި އެހެން ރަށެއްގައި ތާށި ވުން ފަދަ ކަމެއް ދިމާވެފައިވާ ނަމަ ގަން ޕޮލިސް ސްޓޭޝަން ގެ ނަމްބަރ 6898026 އަދި 9792058 އަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.
އައްޑޫސިޓީ ކައުންސިލުން އެއްގަމު މަގުންނާއި ކަނޑު މަގުން ދަތުރުކުރުން މަނާ ކޮށްފައިވާ ރަށްތަކުގެ ތެރޭގައި:
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި އިއުލާނެއްގައި ބުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން، މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި، ރާއްޖޭގެ ހުރިހައި ރަށެއްގައި، ވަކި ގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެ އެންގުމާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމާއި ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެއެޅުން ހުއްޓައިލުން ހިމެނެއެވެ.
ވަކިން ހާއްސަކޮށް ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި މާހެފުމާއި ދަތުރުދިޔުމާއި މޫދަށް އެރުމާއި ކުޅިވަރުކުޅުމާއި އިޖުތިމާޢީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓައިލުމަށް ވަނީ އަންގާފައެވެ.