English Edition
Dhivehi Edition
ކަސްޓަމްސް ބިލްޑިންގ - ފޮޓޯ: މުޙައްމަދު ޝަރުހާން

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައި އޮފީހުގެ ޚިދުމަތްތައް މެދުކަނޑާލަން ނިންމައިފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެ މުއައްސަސާގެ ހެޑް އޮފީހުން ދެމުން ގެންދިޔަ އެންމެހައި ޚިދުމަތްތައް މި ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން މެދުކަނޑާލެވިފައިވާ ކަމަށެވެ.

ކަސްޓަމްސްގެ ހެޑް އޮފީސް ބަންދުކޮށްފައިވާއިރު، ކަސްޓަމްސް އިން ވަނީ މާދަމާ ބެންކޮކަށް ދާ މޯލްޑިވިއަންގެ ފްލައިޓުގައި ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޢާއިލާތަކުން ފޮނުވާ ތަކެތި ޕްރޮސެސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ކަސްޓަމްސް އިން މިގޮތަށް ނިންމާފައި މިވަނީ މާލެ ސިޓީން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީ ފުރަބަންދުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން އެޗްޕީއޭ އިން ވަނީ 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމުތަންތަނަށް ނިކުތުން މަނާކޮށްފައެވެ. އަދި ހުޅުމާލެ އާއި މާލެ އަދި ވިލިމާލޭގައި ފެރީ އަދި ބަހުގެ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާއިރު މި ރަށްތަކުގެ އިތުރުން ގުޅީފަޅާއި ތިލަފުށްޓަށްވެސް މީހުން އަރާ ފޭބުންވަނީ މަނާކޮށްފައެވެ.

އަދި އެޗްޕީއޭ އިން ބުނީ ބުނީ މާލެ ސިޓީ “ލޮކްޑައުން” ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.