English Edition
Dhivehi Edition
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) - ފޮޓޯ: ސަން

ކޮރަޕްޝަންގެ ޢަމަލުތަކާމެދު ޝައްކުވާނަމަ ވީހާވެސް ގިނަ ހެއްކާއި ޤަރީނާއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް އިލްތިމާސްކޮށްފި އެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ސައުލަތުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން، އެކި ސަބަބުތަކާހުރެ، ރައްޔިތުންގެ އެކި ކަހަލަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން ކުރަމުންގެންދާ ކަންކަމުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމާއި ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް އޭސީސީން ބުނެފައި ވެއެވެ. މީގެ އިތުރުން އެ މަސައްކަތްތަކުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތްތަކާމެދު އިރުޝާދު ދިނުމަށްޓަކައި އެކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި ދިރާސާ ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ. އަދި މީސްމީޑިއާގައި ދައުރުވަމުންދާ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން އިސްނަގައިގެން އެކަންކަން ބަލަމުންގެންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“ޢަންމު ޞިއްޙަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރިކުރުމގުެ ޙައްސާސީ ދަނޑިވަޅުގައިވެސް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ އުޞޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ މި ކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެކެވެ. އަދި މި ޙާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމުގައާއި އަދި ނިންމުންތައް ނިންމުމުގައި އިސްވެދެންނެވި އުޞޫލުތަކަށް ތަބާވާންވާނެއެވެ.”، އެ ބަޔާނުގައި ވެއެވެ.

އަދި މި ވަގުތުތަކުގައި ދައުލައުން ކުރާ މަސައްކަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެ މަސައްކަތްތަކުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިގެން ކަމަށް ޤަބޫލުކުރާ ކަމަށްވެސް އޭސީސީން ބުނެއެވެ.

“މި ފުރުޞަތުގައި، އާންމު ރައްޔިތުން، ކޮވިޑް-19 އާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތާމެދު، ފަރުވާތެރިވެ އަދި ފާރަވެރިވެ، ކޮރަޕްޝަނުގެ ޢަމަލުތަކާމެދު ޝައްކުވާ ޙާލަތުގައި ލިބެންހުންނަ އެންމެ ގިނަ ހެކިޤަރީނާއާއެކު މި ކޮމިޝަނަށް ހުށަހަޅުއްވަމުން ގެންދެވުމަށް އިލްތިމާސްކުރަމެވެ.”، އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ޤާނޫނު އަސާސީ އާއި ޤާނޫނުން އެ ކޮމިޝަނާއި މަތިކޮށްފައިވ ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް އެއްވެސް ޖެހިލުމެއް ނެތި އަދާކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށްވެސް އޭސީސީން ބުނެފައި ވެއެވެ.