ހުޅުމީދޫ އެސްޓީއޯ އިން އިންތިޒާމްކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރުގެ “ބޮޑު ހަދީޔާ”ގެ ނަސީބުވެރިޔަކަށް ސ.މީދޫ އަބާން މަލްދާ ހަލީމް ހޮވިއްޖެއެވެ. މިއަދު ހަވީރު “ކިޑްސް ފަން އިވިނިން”ގެ ނަމުގައި އެސްޓީއޯ ހުޅުމީދޫ ފިހާރަ ކުރިމަތީގައި ބޭއްވި މި އިވެންޓަކީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އެސްޓިއޯ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަވީރެކެވެ. ހުޅުދޫ މީދޫ ގިނަ އަދަދެއްގެ ރައްޔަތުން ބައިވެރިވި މި ހަވީރުގެ ދެވަނަ ނަސީބްވެރިއަކަށް ސ.ހުޅުދޫ އަންނާރުވިލާ ޝަރާ ހޮވިފައިވާއިރު ތިންވަނަ ނަސީބުވެރިއަކަށް ހޮވިފައިވަނީ ސ.މީދޫ ޗަމްޕާޕޫލްވިލާ ރާޔާ އެވެ.
ފޮޓޯ:ސާޖިދާ އިބްރާހީމް ކުޑަކުދިންނާއި ގުޅޭ ގިނަ ކުޅިވަރުތަކާއެކު ކުރިއަށް ގެންދިޔަ މި ހަވީރުގައި ކުދިންނާއި ގުޅޭ އެކި ކަހަލަ މަޖާ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. “މީ ވަރަށް މަޖާ ހަވީރެއް. ވަރަށް އާ ކުޅިވަރުތައް ކުޅެން ލިބުނު. ބައިވަރު ހަދިޔާވެސް ލިބުނު” މި އިވެންޓްގައި ބައިވެރިވި ކުއްޖަކު އިވެންޓާއި ބެހޭ ގޮތުން ބުންޏެވެ.މި ހަވީރާ ބެހޭ ގޮތުން އެސްޓިއޯ ހުޅުމީދޫ ފިހާރައިގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ މީ އާއިލާއާއެކު އުފާވެރި މާހައުލެއްގައި މަޖާކޮށްލުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިވެންޓެއް ކަމުގައެވެ. ހުޅުމީދޫ އެސްޓިއޯގައި ކުރިއަށް ގެންދިޔަ މި ހަވީރު އައްޑޫ އަތޮޅުގެ ތިން ސަރަހައްދެއްގައި އެސްޓިއޯ އިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތަކުގެ ހުރިހާ ފިހާރައެއްގައި ކުޑަކުދިންގެ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.