މިދިޔަ ފެބުރުވަރީ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 1.43 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މާރިޗު މަހު ދައުލަތަށް 1.11 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން ޖެނުއަރީ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 49.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2019 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 26.9% ދަށް އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ 20.3% ކުޑަ އަދަދެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މި އަހަރުގެ މާރިޗު މަހު ލިބުނު އާމްދަނީ ދަށްވެފައި ވަނީ ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓްގެ ސުންގަޑިތައް އިތުރުކުރުމުގެ ސަބަބުންނެވެ. އަދި މިދިޔަ އަހަރު ފެބުރުވަރީ މަހާއި އަޅާބަލާއިރު މި އަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 11.1% މަދުވުމަކީވެސް މިދިޔަ މަހުގެ އާމްދަނީ ދަށްވި ސަބަބެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 57.3% ނުވަތަ 637,672,520 ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ 11.8% ނުވަތަ 131,636,567 ރުފިޔާ އެވެ.
މީގެ އިތުރުން ބީޕީޓީގެ ގޮތުގައި 81,379,733ރ. އަދި ގްރީން ޓެކްސްގެ ގޮތުގައި 74,040,728ރ. ލިބިފައިވާއިރު، މިދިޔަ މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައި ވަނީ 59,166,124 ރުފިޔާ އެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 128.68 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ ފެބުރުވަރީ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 1.43 ބިލިއަން ރުފިޔާ އެވެ.