ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ އޮފީސްތައް ނުހުޅުވާ ދުވަސްތަކުގައި މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސާއި ބަންދު ދުވަސްތަކުގެ އިނާޔަތް ދިނުމާ ބެހޭ އުސޫލު މިއަދު އާންމުކޮށްފި އެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވައި އޮފީސްތަކަށް ފޮނުއްވި ސަރކިއުލަރގައި ބުނެފައި ވަނީ އިތުރު ގަޑީގެ ފައިސާ ލިބޭނީ ސަރުކާރު ބަންދު ދުވަސްތަކުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނެރުނު މުވައްޒަފުންނަށާއި، ޑިރެކްޓަރ ޖެނެރެަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރޭ މުވައްޒަފުންނަށް އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން މަސައްކަތް ކުރުމަށް އޮފީހަށް ނެރޭ މުވައްޒަފުންނަށް ކަމަށެވެ.
މީގެ އިތުރުން އެ ޙާލަތްތަކުގައި އޮފީހަށް ނެރޭ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ހަމަޖައްސަންވާނީ ރަސްމީ ގަޑީގެ ގޮތުގައި އެ މުވައްޒަފަކު ފުރިހަމަ ކުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ އިތުރުން މަސައްކަތުގައި ވަގުތު ހޭދަކުރާ ވަގުތަށެވެ.
މުވައްޒަފެއްގެ ރަސްމީ ގަޑި އަކީ 08:00 އިން 14:00 ނަމަ، މަސައްކަތު ދުވަހެއްގެ އިތުރު ގަޑީގެ ފައިސާ ދޭނީ ހަ ގަޑިއިރު ހަމަކުރުމަށްފަހު އިތުރަށް މަސައްކަތް ކުރި ވަގުތަށެވެ. އެގޮތުން މަސައްކަތު ދުވަހެއްގެ ރަސްމީ ގަޑީގެ ބައެއްގައި ނުވަތަ ރަސްމީ މަސައްކަތު ގަޑީގެ ފަހުގެ ވަގުތުތަކެއްގައި މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވި ކަމުގައިވިޔަސް، އިތުރު ގަޑީގެ ފައިސާ ދޭނީ އެ މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވަން ފެށި ވަގުތުން ފެށިގެން ހަ ގަޑިއިރު ހަމަކުރުމަށްފަހުގައި ކަމަށްވެސް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެފަދަ ޙާލަތްތަކުގައި މަސައްކަތަށް ނެރޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ އިނާޔަތް ދޭގޮތަށް ހަމަޖެހިފައި ނުވާ ކަމަށްވެސް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.
އަދި ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ މި ދަނޑިވަޅުގައި، ދައުލަތުގެ އޮފީސްތަކުގެ މަސައްކަތްތައް ރާވައި މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކުރަންވާނީ އިތުރު ގަޑީގައި މަސައްކަތްކުރަން ނުޖެހޭނެ ގޮތެއްގެ މަތިންކަންވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އަދި ދައުލަތުގެ ޚަރަދުތައް ވީހާވެސް ކުޑަވާނެ ގޮތކަށް އެ އޮފީހެއްގެ މަސައްކަތްތައް ރާވާ ހިންގުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.