English Edition
Dhivehi Edition
ގެވެށި އަނިޔާ އާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ދަ ޖަކާޓާ ޕޯސްޓް

އަނބިމީހާގެ ނޭފަތުގައި ދަތް އެޅި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އދ. ފެންފުށީގައި ދެމަފިރިން ދެމެދުގައި ހިނގި ހަމަނުޖެހުމުގައި އަނބިމީހާ އަށް ފިރިމީހާ އަނިޔާކުރި މައްސަލައެއް އޭޕްރީލް 12 ވަނަ ދުވަހުގެ 00:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެ ދެމަފިރިން ޒުވާބު ކުރަމުން ގޮސް ފިރިހެން މީހާ ވަނީ އަންހެން މީހާގެ ނޭފަތުގައި ދަތް އަޅާފައެވެ. އެގޮތުން ދަތް އަޅާފައި ހުރިކަމުގެ ނިޝާން ވެސް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދަށް އދ. މާމިގިލި ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.