English Edition
Dhivehi Edition
ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ބަހުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އެމްއޭސީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މުވައްޒަފުން މާލެއިން ހުޅުލެއަށް ގެނެސް އަދި އަނބުރާ ގެންދިއުމަށްޓަކައި، އެ ކުންފުނިންދޭ ތާވަލާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި ބަހުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޮޅަކަށް ގާތްގަނޑަކަށް 1600 މުވައްޒަފުން އުފުލަން ޖެހޭނެކަމަށްވަނީ އަންދާޒާކުރެވިފައިވާ ކަމަށާއި، ވީމާ އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ ބާރުބޮޑު ގަޑިތަކުގައި ގާތްގަނޑަކަށް 600 މުވައްޒަފުން އުފުލޭވަރުގެ ގާބިލްކަން ހުރި ފަރާތްތަކަކަށް ވާންވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެމްއޭސީއެލް އިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްރީލް 19 ވާ އާދީއްތަދުވަހުގެ 23:59 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދިފައެވެ. އެގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

އެކަމަށް ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި، އެމްއޭސީއެލްގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

އެ މަސައްކަތް ހަވާލުކުރެވޭނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެ ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ކަމަށްވެސް އެމްއޭސީއެލް އިން އެ އިއުލާނުގައި ބުނެފައި ވެއެވެ.