ފިލިޕިންސްއިން ރާއްޖެ އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މިއީ ރާއްޖެ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި ފަސްވަނަ މީހާ އެވެ.
އެރިޔަދޫ ކަރަންޓައިން ފެސިލިޓީ ގައި ކަރަންޓީނު ކުރެވިފައިވާ ދިވެއްސެއް ވަނީ #ކޯވިޑް19 އަށް ޕޮސިޓިވްވެފައި. ފިލިޕީންސް އިން އެނބުރި އައި މި މީހާ އަކީ މި ބައްޔަށް ޕޮޒިޓިވްވި 5 ވަނަ ދިވެހި މީހާ
— Health Protection Agency (@HPA_MV) April 12, 2020
އެޗްޕީއޭ އިން ބުނީ، ފިލިޕިންސުން އައި އެ ދިވެހި މީހާ އަކީ އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ހުރި މީހެއް ކަމަށާއި ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ މީހާ މިހާރު ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
ކޮވިޑް 19 ގެ ނުރައްކާ ފިލިޕިންސްގައި ބޮޑުވުމާއި ގުޅިގެން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ، ޕައިލެޓްކަން ކިޔަވަން ތިބި ދިވެހި ދަރިވަރުންތަކެއް، ސަރުކާރުގެ އެހީގައި ރާއްޖެ ގެނެސްފަ އެވެ.
މިގޮތަށް ރާއްޖެއިން ބޭރުން އަންނަ އެންމެން ތިބެނީ 14 ދުވަސް ވަންދެން ކަރަންޓީން ފެސިލިޓީތަކުގައެވެ. ކަރަންޓީނު މުއްދަތު ފުރިހަމަކުރުމުން ކަރަންޓީނުން ދޫކޮށްލަނީ ކޮރޯނާ އަށް ޓެސްޓު ކުރުމަށްފަހު ނެގެޓިވް ވިކަން އެނގުމުންނެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މާރޗް މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް ޖުމްލަ 20 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މިއަދު ޕޮޒިޓިވް ވި މީހާއާއެކު ރާއްޖޭގައި މިވަގުތު ބައްޔަށް ފަރުވާދެމުންދާނީ ފަސް މީހަކަށެވެ.