English Edition
Dhivehi Edition
މޯލްޑިވިއަންގެ ކާގޯ ފްރައިޓަރގައި ދުބާއިން މާލެ ގެނައި މުދާ އޮފްލޯޑް ކުރަނީ - ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން އެކުވެރި ޢަރަބި އިއްތިހާދު (ޔޫއޭއީ)ގެ ދުބާއީން 6.7 ޓަނުގެ މުދާ ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނީގެ ކާގޯ ފްރައިޓަރ ގައި ރޭ 6700 ކިލޯގެ މުދާ ދުބާއީން މާލެ ގެނެސްފައިވާ ކަމަށެވެ. މޯލްޑިވިއަނުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ތައިލެންޑްގެ ވެރިރަށް ބެންކޮކުން 12.5 ޓަނުގެ ކާގޯވެސް ރާއްޖެ ގެނެސްދީފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޑިމާންޑަށް ބެލުމަށްފަހު އިތުރު އެހެން ޤައުމުތަކަށްވެސް ކާގޯ ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

އެގޮތުން އިންޑިއާ އާއި ދުބާއީ އަދި ބެންކޮކްފަދަ ތަންތަނުންވެސް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އަދިވެސް ކޮންޓްރޯލް ނުކުރެވި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ބަލީގެ ސަބަބުން ގިނަ ޤައުމުތައް ލޮކްޑައުން ކޮށްފައިވާއިރު، ރާއްޖެއަށް އަންނަ ގިނަ ފްލައިޓްތައްވެސް ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ. އޭގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވިޔަފާރިވެރިންނަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ.

މޯލްޑިވިއަނުން ދަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި އެހީގެ ތަކެތި ގެންގޮސްދީފައިވާއިރު، މޯލްޑިވިއަނުން ވަނީ ލަންކާ އާއި އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމް އަދި މެލޭޝިޔާގައި ތާށިވެފައި ތިބި ބައެއް ދިވެހިންވެސް އަނބުރާ ރާއްޖެ ގެނެސްދީފައެވެ.