English Edition
Dhivehi Edition
އިސްލާމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް އައުޓްލުކް

ކޮވިޑް-19 އާއި ގުޅިގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ޓޫރިސްޓް ރިސޯޓްތަކާއި ރަށްރަށުގައި ޖަމާޢަތުގައި ނަމާދު ނުކުރުމަށް ނިންމި ނިންމުން، މި ހިނގާ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސަރކިއުލަރއެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 18 މާރިޗު 2020 ވާ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން، 18 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ، އެރަށެއްގައިވެސް އެޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އަދި އެ ޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ފިވެހި ބަހުން “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އެންގުމަށް ދަންނަވާ ކަމަށްވެސް އެ ސަރކިއުލަރގައި ވެއެވެ.

“މިދަނޑިވަޅުގައި މިްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ.”، އެ ސަރކިއުލަރގައި ވެއެވެ.

މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފަ އެވެ.