English Edition
Dhivehi Edition
25 ފެބުރުވަރީ 2020 ވަނަ ދުވަހު ޕީޖީ އޮފީހާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު ބޭއްވި ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޕީޖީ ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއެކު އުޅެން ދަސްކުރުންޖެހޭ ކަމަށާއި، ޢަދުލުގެ ނިޒާމުވެސް އެކަން ކުރަންޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.

“ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރަންސް 10 ސިސްޓަމް މިއަހަރު ތެރޭ ބަހައްޓާނެ. ޚަރަދު ކުޑަވާނެ. އަވަސްވާނެ”، ޝަމީމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުން “ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާ ގުޅޭ ޚާއްޞަ ޤަވާއިދު” އަށް ޢަމަލު ކުރަން ފަށާފައި ވަނީ އިއްޔެއިން ފެށިގެންނެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކް އާއި ގުޅިގެން، ރާއްޖޭގައި ޢަންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގައި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 211 ވަނަ މާއްދާ (ހ)ގެ 03 ވަނަ ނަންބަރުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ “ޝަރީޢަތްކުރުމާ ބެހޭ ޖިނާޢީ އިޖުރާޢަތުގެ ޤަވާއިދު”ގެ 06 ވަނަ ބާބަށް ޢަމަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މި މުއްދަތުގައި ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިއުމާ ގުޅޭ ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، “ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށްގެންދިއުމާ ގުޅޭ ޚާއްޞަ ޤަވާއިދު”ގެ ނަމުގައި ޤަވާއިދެއް ހަދައި، އިއްޔެއިން ފެށިގެން އެ ޤަވާއިދަށް ޢަމަލުކުރަމުން ގެންދާ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.