English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން ހަދާފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ތިބީ 809 މީހުން ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ޙާލަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ މިހާތަނަށް އާއިރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 73 މީހަކު ދޫކޮށްލާފައިވާކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން އާދިއްތަ ދުވަހު 187 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށާއި އަދި 43 މީހެއްގެ ސާމްޕަލެއް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފަތުރުވެރިން ފިޔަވައި ރާއްޖެ އަންނަ އެންމެން ކަރަންޓީނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމުމާއި ގުޅިގެން މިދިޔަ މަރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ހުރިހާ މީހުން ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ސަރުކާރުން ދައްކާތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބެންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 19 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން ދެމީހަކީ އިޓަލީގެ ދެ ފަތުރުވެރިން ނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 13 މީހަކު މި ބަލިން ރަނގަޅު ވެފައިވާއިރު، އޭގެތެރެއިން އަދިވެސް ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުން ނެވެ