English Edition
Dhivehi Edition

އެންބީއޭ ހޯލް އޮފް ފޭމް އެވޯޑް މި އަހަރު ލިބޭ ކުޅުންތެރިންގެ ތެރޭގައި ކޯބީ ބްރަޔަންޓް ހިމެނުނު ނަމަވެސް އެ އެވޯޑާއި ހަވާލުވުމަށް އޭނާ ނެތުމުން ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށް ލޮސް އެންޖެލެސް ލޭކާސްގެ ކުރީގެ ލެޖެންޑް މެޖިކް ޖޯންސަން ބުނެފިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ލޮސް އެންޖްލެސްގެ ރަށްބޭރަށް ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާގައި ކޯބީ އާއި އޭނާގެ އުމުރުން 13 އަހަރުގެ އަންހެން ދަރިފުޅު ޖިއާނާ މަރުވި ހަބަރާއެކު ޖޯންސަންގެ އިތުރުން މުޅި އެމެރިކާގެ ގިނަ ބަޔަކަށް ހިތާމަވެރިކަން ގެނުވިއެވެ.

“އެންބީއޭ ހޯލް އޮފް ފޭމް އެވޯޑާއި ހަވާލުވުމަށް ކޯބީ ނެތުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް.” ޖޯންސަން ބުންޏެވެ.

ޖޯންސަން ބުނީ ކޯބީ ނެތްނަމަ ވެސް މި އެވޯޑް ހާސިލްކުރުމުން އޭނާގެ އާއިލާގެ މެންބަރުންނަށް ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރާކަމަށާއި ލޭކާސްގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދޭނެ ކަމަށެވެ.

އެމެރިކާގެ ބާސްކެޓް ބޯޅައިގައި ކުރީގެ ކުޅުންތެރިންނަށް ދެވޭ އެންމެ ޝަރަފުވެރި އެންބީއޭ ހޯލް އޮފް ފޭމް އެވޯޑް މި އަހަރު ދިނުމަށް ހަމަޖެހިފައިވަނީ މުޅި ކެރިއަރު ލޭކާސްގައި ހޭދަކުރި ކޯބީގެ އިތުރުން ސަން އެންޓޯނިއޯ ސްޕާސްގެ ޓިމް ޑަންކަން އާއި ބޮސްޓަން ސެލްޓިކްސްގެ ކެވިން ގާނެޓް އަށެވެ.

މީގެކުރިން، މި އެވޯޑް ހާސިލްކުރި ކުޅުންތެރިންގެ ތެރޭގައި، ޖޯންސަންގެ އިތުރުން މައިކަލް ޖޯޑަން އާއި ސްކޮޓީ ޕިޕެން އާއި ކަރީމް އަބްދުލް-ޖައްބާރު އަދި ހަކީމް އޮލަޖުވޮން ހިމެނެއެވެ. އަދި މި އެވޯޑް އެންމެ ފަހުން ހާސިލްކުރީ 2016 ވަނަ އަހަރު ޗައިނާގެ ކުރީގެ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ޔާއޯ މިންގް އެވެ.

އެންބީއޭ ހޯލް އޮފް ފޭމް އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ 29 ވަނަ ދުވަހު އެމެރިކާގެ މައްސަޗުސެޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެއްގައެވެ.

އެހެންނަމަވެސް، މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން އެމެރިކާގެ ހާލަތު ވެސް ގޯސްވެފައިވުމާއެކު މި ރަސްމިއްޔާތު ބާއްވާ ތާރީޚު އިތުރަށް ފަސްވެގެންދާނެކަމަށް ބެލެވެއެވެ.