English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބަލިމަޑުކަމާއި ގުޅިގެން، ހާލަތު ގޯސްވެފައިވާ ގައުމުތަކަށް އެހީވުމުގެ ނަމުގައި ޗައިނާ އިން ސިއްހީ ދާއިރާ ގައި ބޭނުން ކުރުމަށް ފެންވަރު ދަށް ތަކެތި ބޮޑު އަގުގައި ވިއްކަމުންދާ ކަމަށް ބުނެ އަޔަލޭންޑްގެ މިކްސް މާޝަލް އާޓިސްޓް (އެމްއެމްއޭ) ފައިޓާ ކޮނާ މެކްގްރެގާ ފާޑުކިޔައިފިއެވެ.

އުމުރުން 31 އަހަރުގެ މެކްގްރެގާ ބުނީ މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި ކަމުގައި އޭނާގެ އުފަން ގައުމު އަޔަލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރަޑްކަރް ވެސް ސަމާލުވާންޖެހޭ ކަމަށެވެ.

“ސިއްހީ ދާއިރާގައި އެހީވުމުގެ ގޮތުން ދެމުން އަންނަ ހުރިހާ ތަކެއްޗެއް ވެސް ފޯރުކޮށްދެމުން އަންނަނީ ބޮޑު އަގެއްގައި. މީގެތެރޭގައި، މާސްކްގެ އިތުރުން ވެންޓިލޭޓަރާއި، އޮކްސިޖަން ކޮންޓެއިނާ އަދި ސްކްރީން މޮނީޓަރު އަދި އެހެނިހެން ބައެއް ތަކެތި ވެސް ހިމެނޭ.” މެކްގްރެގާ ބުންޏެވެ.

“އަނެއްކޮޅުން މި ތަކެއްޗަކީ ވަރަށް ދަށްފެންވަރުގެ އެއްޗެހި. އަޔަލެންޑުން ވެސް އެބަޖެހޭ މިގޮތަށްދޭ ތަކެތި ބަލައިނުގަންނަން.” މެކްގްރެގާ އިތުރަށް ބުންޏެވެ.

މީގެކުރިން، ސްޕޭނަށާއި ޗެކް ރިޕަބްލިކަށް ޗައިނާގެ ކުންފުންޏަކުން ފޮނުވި ކޮރޯނާވައިރަސް ރެޕިޑް ޓެސްޓް ކިޓްތަކުގެ ތެރޭން ގިނަ ތަކެތީގައި މައްސަލަ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، އެ ގައުމުން އަންނަނީ ހިލޭ އެހީގެ ގޮތުގައި ވެސް ސިއްހީ ދާއިރާގައި ބޭނުންކުރުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ތަކެތި ފޯރުކޮށްދެމުންނެވެ.

މިދިޔަ ޑިސެންބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާވައިރަސް އަށް މިހާތަނަށް އަޔަލޭންޑްގެ 4,500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މި ރޯގާ ޖެހިގެން އެގައުމުގައި 137 މީހުން ވަނީ މަރުވެފައެވެ.