English Edition
Dhivehi Edition

ރައްޔިތުންނަށް ލުއި ފަސޭހަ އިންޓަނެޓެއް ފޯރުކޮށްދެއްވުމަށް ރާއްޖޭގެ މުވާޞަލާތީ ޚިދުމަތްދޭ މަރުކަޒުތަކުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.

މިފަދައިން ރައީސް އެދި ވަޑައިގެންނެވީ ކޮވިޑް 19 އާއި ގުޅިގެން ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމެދު ދުރުމިނެއް ބެހެއްޓުމުގެ މަޤްޞަދުގައި އަޅުއްވާފައިވާ ފިޔަވަޅުތަކަކަށް ވީހިނދު، މި ފިޔަވަޅުތަކަށް އަމަލުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މުއާޞަލާތީ ޚިދުމަތްތަކާއި އިންޓަރނެޓުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމެވި ނިންމެވުން ހާމަކުރެއްވުމަށް ނެރުއްވި ބަޔާނެއްގައެވެ.

މިކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖޭގައި މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުންވަނީ ދަޢުވަތު އަރުވާފައެވެ. އަދި، މި ދަނޑިވަޅުގައި ރައްޔިތުންގެ މާލީ ހާލަތަށް ބަދަލުތަކެއް އަންނާނެކަން ދެނެގަނެ، ގޭގައި މަޑުކުރުމާއި ގޭގައި ތިބެގެން ދަރިވަރުންނަށް އުނގަންނައިދިނުމުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ސަރުކާރުންވަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގައި އެދިވަޑައިގެންފައެވެ.

މިކަމުގައި، މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލުކުރުމަށް އެދި ސަރުކާރުން ހުށަހަޅާފައިވާ ކަންތައްތަކަކީ:

  • ކޯވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަރނެޓުގެ ޚިދުމަތްތައް އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުން.
  • ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުން.
  • މި ދަނޑިވަޅުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، “ޑޭޓާ ކެޕް” ނުވަތަ އިންޓަރނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ “ޑޭޓާ އެލަވަންސް” އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ “ޑޭޓާ ބޫސްޓަރ” ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.

މިކަމުގައި، ސަރުކާރުން ބަޔާންކޮށްފައިވާ އުސޫލާއި އެއްގޮތަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލު ކުރުމަށްވެސް ބަޔާނުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސްއޮފީހުގެ ބަޔާނުގައިވަނީ މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ކުންފުނިތަކުން ކުރައްވާ މަސައްކަތް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.