English Edition
Dhivehi Edition

ޗައިނާގައި ފުރަތަމަ ފެތުރެންފެށި ކޯވިޑް-19 ދަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ހަލުވިކަމާއިއެކު ފެތުރެމުންނެވެ. ސަރުކާރުތަކުން މިވައިރަސްއާއި ދެކޮޅަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ސަރުކާރު ތަކުންނާއި ސިއްހީ ދާއިރާގެ ބޭފުޅުންވަނީ އާއްމު ރައްޔިތުންނަށް ސާފުތާހިރުކަމަށް ސަމާލުވުމަށް އިސްކަން ދިނުމަށާއި އިޖްތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިން ޤާއިމުކުރުމަށް ގޮވާލާފައެވެ. މިގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އަތާއި އަތް ޖޯޑުކޮށް ސަލާން ކުރުމުން ދުރުވުމަށް އިލްތިމާސް ކޮށްފައެވެ.

އަތާއި އަތް ޖޯޑުކޮށް ސަލާން ކުރުމަކީ އެކެއްގެ ގައިން އަނެކާގެގަޔަށް އެންމެ ފަސޭހައިން ޖަރާސީމު ފެތުރުމުގެ މަގެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ބައިގަޑި އިރު ތެރޭގައި ނޭނގި ނަމަވެސް ބާރަ ވަރަކަށް ފަހަރު ލޮލާއި، ނޭފަތާއި އަދި އަނގައިގައި އަތް ލެވެއެވެ. މޫނުގައި އަތް ލެވޭ ކޮންމެ ފަހަރަކީ އަތުގައި ހުންނަ އެތައް ބައިވަރު ޖަރާސީމެއް ހަށިގަނޑުތެރެއަށް ފެތުރިގެންދާ ވަގުތެކެވެ. އެހެން ކަމުން އަމިއްލަ ސާފުތާހިރުކަމަށް ވިސްނައި ގިނަގިނައިން އަތް ދޮވެ ނުވަތަ ސެނެޓައިޒާ ބޭނުން ކުރަން އާދަކުރަންޖެހެއެވެ.

މީހަކާ ސަލާންކުރާ ކޮންމެފަހަރަކު އަތް ދޮންނަން ހަނދާން ނުހުރެދާނެއެވެ. ނުވަތަ އެފުރުސަތު ނުލިބި ގޮސްދާނެއެވެ. އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ އަތާއި އަތް ޖޯޑުކޮށް ސަލާންކުރުމާއި ދުރުހެލިވުމެވެ. އެހެން ނަމަވެސް އެހެން މީހަކު ތިމާއާއި ސަލާން ކުރުމަށް އަތް ދިއްކޮށްލާ ވަގުތު ދެން ކަންތައްކުރާނީ ކިހިނެއްތޯއެވެ؟ މިފަދަ ހާލަތެއްގައި އަދަބުވެރި ކަމާއި އެކު ތިމާ ސަލާންކުރުމާއި ދުރުހެލިވެ ހުރިކަމާއި އޭގެ ސަބަބު ކުރުކޮށް ކިޔާދެވިދާނެއެވެ. ދުނިޔެއަށް މިއަދު ދިމާވެފައިމިވާ ބަލިމަޑުކަމުގެ ސަބަބުން ގިނަ މީހުންނަށް މިކަން ގަބޫލުކުރަން ފަސޭހަ ވާނެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވަނީ ސަލާން ކުރަން އެންމެ މާތް އަދި ރައްކާތެރި ގޮތަކީ މޭމަތީ އަތް އަޅާލުމަށްފަހު ހިނިތުން ވެލުމެވެ. ގެބްރިއޭސުސް ވިދާޅުވެފައި ވަނީ މިއަދު އާންމުވަމުންދާ އުޅަނބޮށްޓާއި އުޅަނބޮށި ޖައްސާ ސަލާން ކުރުމަކީ ވެސް އެހާ ރައްކާތެރި ކަމެއް ނޫން ކަމަށާއި އެއީވެސް ތިމާ އަނެކާއާއި އެއް މީޓަރު ކައިރީ ގައި ހުންނަން ޖެހޭ ކަމެއް ކަމަށެވެ. ހަމަ އެހެންމެ ދުނިޔޭގައި މިއަދު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް އެންމެންވެސް އިޖްތިމާއީ ގައިދުރުކަން ގާއިމުކުރުން ވަރަށް މުހިއްމު ކަމަށް ޖެބްރިއޭސިސް ފާހަގަ ކުރެއްވިއެވެ.

އެމެރިކަން ޖާނަލް އޮފް އިންފެކްޝަން ކޮންޓްރޯލުން 2014 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ހަށިގަނޑަށް ޖަރާސީމު އެތެރެވާ އެހެން ގޮތްތަކާއި އަޅާބަލާއިރު އަތާއި އަތް ޖޯޑުކޮށް ސަލާންކުރާ ކޮންމެ ފަހަރަކު ހަށިގަނޑަށް އެތެރެވާ ޖަރާސީމުގެ އަދަދު ދިހަ ގުނަ އިތުރުވެއެވެ. ކެއްސާ ކިނބިހިއަޅާއިރު ނޭފަތާއި އަނގަމަތީ އަތް އަޅާއިރު އެއަށް ފަހު އަތް ދޮންނަނީ ކިތައްމީހުން ތޯއެވެ؟ އަތުގައި ހުންނަ ޖަރާސީމާއި އެކު އަތްލެވެނީ ކިތައް ތަނުގައިތޯއެވެ؟ އަދި ސަލާން ކުރެވެނީ ކިތައް މީހުންނާއި ތޯއެވެ؟

ދުނިޔޭގެ ސިއްހަތާއި ބެހޭ ފަރާތްތަކުން ކެނޑިނޭޅި ގެންދަނީ ގިނަ ގިނައިން އަތް ދޮވުމަށާއި ސެނެޓައިޒާ ބޭނުން ކުރުމަށް އިލްތިމާސް ކުރަމުންނެވެ. އެގޮތުން މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށާއި ސާފު ފޮތި ކޮޅަކުން އަތް ސާފު ކުރުމަށް ފަހު ސެނެޓައިޒާ ބޭނުން ކުރުމަށް ސިއްހަތާއި ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.

ދުނިޔެއަށް މިއަދު ކުރިމަތި ވެފައިވާ ބަލިމަޑު ކަމުގައި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހެއެވެ. ތިމާގެ އަމިއްލަ ރައްކަލަށާއި އެހެން މީހުންގެ ރައްކަލަށްވެސް ވިސްނަންޖެހެއެވެ. އެގޮތުން އެކަކު އަނެކަށް އިހްތިރާމް ކުރުމުގެ ގޮތުން ކުރިން އަތާ އަތް ޖޯޑުކޮށް ސަލާން ކުރި ކަމުގައި ވިއަސް މިއަދު އިހްތިރާމެއްގެ ގޮތުންނާއި ބަލިފެތުރުމުން ރައްކާތެރިވުމަށް އިޖްތިމާއީ ގައިދުރުކަން ގާއިމުކޮށް އަތާއި އަތް ޖޯޑުކޮށް ސަލާން ކުރުމާއި ދުރުހެލިވުން ވަރަށް މުހިއްމެވެ.