English Edition
Dhivehi Edition

ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުންޏެއްކަމަށްވާ ދިރާގާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުންނާއި މުދައްރިސުންނަށް 30 ދުވަހުގެ ހިލޭ މޯބައިލް ޑޭޓާ ޕެކޭޖެއް ދޭން ނިންމައިފިއެވެ.

މިއީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިއޮތް މި ދަނޑިވަޅު އިންޓަނެޓްގެ ޒަރިއްޔާއިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ހޯދައި ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް ދިރާގުން ވިދާޅުވެއެވެ.

ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް ނުހަނު މުހިންމުވެފައިވާ މިދަނޑިވަޅުގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ހެން، ވަރޗުއަލް ކްލާސްރޫމްތަކާއި، އީ-ލަރނިންގ ފަދަ ރިމޯރޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަކަމާއެކު ބޭނުންކުރުން މަގުފަހިކޮށް ކިޔަވާކުދިންނާއި ޓީޗަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ މަޤްސަދުގައި ދިރާގުން ހިލޭ ފޯރުކޮށްދޭ މި 5ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެއެވެ.

މި ޕެކޭޖް ހަމަޖެހިގެންދާނީ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް، މަމެން އަދި އެހެނިހެން ދިރާގު ގެމޮބައިލް ޚިދުމަތް ގެންގުޅުއްވާ ދަރިވަރުންނާއި ޓީޗަރުންނަށެވެ.

ކޮވިޑް19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަނަށް މަގުފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން މަސައްކަތްކުރަމުންނެވެ. ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭ 30 ދުވަހަހުގެ ހިލޭ ޑޭޓާ ޕެކޭޖްގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓް ފޯރުކޮށްދިނުމާއެކު ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހާއި އޭޕްރީލްމަހަށް ވަނީ ހަމަޖައްސައިދެއްވާފައެވެ.

މީގެ އިތުރުން، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް %50 ގެޑިސްކައުންޓާއިއެކު ހިލޭ 10ޖީބީ ވެސް ވަނީ ދީފައިއެވެ.

ދިރާގުން އުންމީދުކުރަނީ، މި ޑޭޓާ އެލަވަންސްގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުންނަށް އޮންލައިން ކްލާސްރޫމް ހިންގުމަށާއި، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެކަމަށެވެ. އަދި ދިރާގުން އިލްތިމާސް ކުރަނީ އިންޓަނެޓްގެ ޚިދުމަތް މިދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރެއްވުމަށެވެ. ހަމަ އެއާއެކު، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ދިރާގުން އިލްތިމާސް ކުރައްވައެވެ.

ދިރާގުން ދަނީ ކޮވިޑް 19 ގެ ބަލިމަޑުކަމާގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލާ، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދާ ބަލަމުންކަމަށް ދިރާގުން ވިދާޅުވެއެވެ. ކޮވިޑް19 އާ ގުޅިގެން ދިރާގުން ފޯރުކޮށްދެއްވާ ޚިދުމަތްތަކުގެ އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://www.dhiraagu.com.mv/supporting_our_community.aspx