English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް ޔުވެންޓަސް އިން ކުރަމުން އަންނަ މަސައްކަތުގައި އެހީވުމުގެ ގޮތުން އެ ކްލަބަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މުސާރަ ކުޑަކުރާން ނިންމައިފިއެވެ.

ޓުޓޯސްޕޯޓުން ރިޕޯޓުކުރާ ގޮތުގައި، ރޮނާލްޑޯ އަށް އަހަރެއްގެ މައްޗަށް 31 މިލިއަން ޔޫރޯގެ މުސާރައެއް ލިބެމުން އަންނައިރު އޭގެތެރެއިން ގާތްގަނޑަކަށް 3.8 މިލިއަން ޔޫރޯ ވަނީ ކުޑަކުރުމަށް އެއްބަސްވެފައެވެ.

މި ބަލިމަޑުކަމާއި ގުޅިގެން އިޓާލިއަން ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުރޮޕާ ލީގު ވަނީ މެދުކަނޑާލައިފައެވެ. އެހެންވެ ގޭޓް ފައިސާ އާއި ޓީވީ ރައިޓްސް ފައިސާ އިން ކްލަބްތަކަށް ގެއްލުން ވާނެއެވެ. އެކަން ފޫބައްދަން ބައެއް ކްލަބްތަކުން އަންނަނީ މުސާރަތައް ކުޑަކުރަމުންނެވެ. އެކަމާ ދެކޮޅު ހަދާ ކުޅުންތެރިންގެ ކޮންޓްރެކްޓް އުވާލާ މަންޒަރުތައް ވެސް ފެނެއެވެ.

އިޓާލިއަން ސެރިއޭގެ އެއްވަނައިގައި މި ވަގުތު އޮތް ޔުވެންޓަސް އިން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމުގެ މަސައްކަތް ފެށީ މިހާރު ލީގު ހުއްޓާލާފައި އޮތުމުން އެ ކްލަބަށް މާލީގޮތުން ލިބެމުން އަންނަ ގެއްލުންތައް ކުޑަކުރުމުގެ ގޮތުންނެވެ.

އިޓަލީ އަކީ ކޮވިޑް-19 މިހާރު އެންމެ ބޮޑަށް ފެތުރިފައިވާ ޔޫރަޕްގެ ގައުމަށްވާއިރު، މިހާތަނަށް އައިއިރު ޔުވެންޓަސްގެ ތިން ކުޅުންތެރިން ކަމަށްވާ ޑެނިއެލީ ރުގާނީ އާއި ބްލައިސް މަޓުއިޑީ އަދި ޕައުލޯ ޑިބާލާ ވަނީ މި ރޯގާ އަށް ޕޮޒިޓިވްވެފައެވެ.

ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ވަނީ މުސާރައިގެ 12 ޕަސެންޓް ކުޑަކުރުމަށް އެއްބަސްވެފައެވެ.