English Edition
Dhivehi Edition
ޔޫޓާ ޖޭޒްގެ ޑޮނަވަން މިޗޭލް (ކ) އާއި ރުޑީ ގޯބެއާ (ވ). --ފޮޓޯ: މާސާ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި އެންބީއޭގައި ކުޅެމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ޔޫޓާ ޖޭޒްގެ ރުޑީ ގޯބެއާ އާއި ޑޮނަވަން މިޗޭލް އެ ބަލިން މުޅިން ރަނގަޅުވެފައިވާކަމަށް ހާމަކޮށްފިއެވެ.

ޔޫޓާގެ ޑިޕާޓްމަންޓް އޮފް ހެލްތު އަށް ހަވާލާދީ ޖޭޒްގެ އޮފިޝަލަކު ވަނީ އެ ދެ ކުޅުންތެރިން ރަނގަޅުވުމާއެކު މިހާތަނަށް ކަރަންޓީނުގައި ތިބި އެ ޓީމުގެ ހުރިހާ އޮފިޝަލުންނާއި އެހެން ކުޅުންތެރިންވެސް މިހާރު ދޫކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ޖޭޒް ޓީމުގެ ސެންޓާ ގޯބެއާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެންބީއޭގެ މެޗުތައް އެއް މަސްދުވަހުގެ މުއްދަތަށް މެދުކަނޑާލާފައެވެ.

އޭގެފަހުން، ޖޭޒްގެ ޝޫޓިންގ ގާޑް މިޗޭލް ޕޮޒިޓިވްވުމާ ގުޅިގެން އެ ޓީމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ޓީމުތަކުގެ ތެރެއިން، ޑިޓްރޮއިޓް ޕިސްޓަންސްގެ އިތުރުން ކްލީވްލެންޑް ކަވަލިއާސް އަދި ބޮސްޓަން ސެލްޓިކްސްގެ ކުޅުންތެރިން ތިބީ ކަރަންޓީނުގައެވެ. އެހެންނަމަވެސް، ޖޭޒްއާ ދެކޮޅަށް އެންމެފަހުން ކުޅުނު ޓޮރޮންޓޯ ރެޕްޓާސްގެ ކުޅުންތެރިން މިވައިރަހަށް ހެދި ޓެސްޓްތައް ވަނީ ނެގެޓިވްވެފައެވެ.

އެގޮތުން، އެންބީއޭގައި ކުޅެމުން އަންނަ 14 ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މީގެތެރޭގައި ލޮސް އެންޖެލަސް ލޭކާސް އާއި ފިލަޑެލްފިއާ ސެވަންޓީސިކްސްއާރސްގެ އިތުރުން ޑެންވާ ނަގެޓްސް އަދި ބްރޫކްލިން ނެޓްސްގެ ކުޅުންތެރިން ހިމެނެއެވެ.

މީގެއިތުރުން، މިހާރު އެންމެ ހަލުވިކަމާއެކު ރޯގާ ފެތުރޭ އެމެރިކާގައި މިހާތަނަށް 104،277 މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ބަލީގައި 1700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މުޅި ދުނިޔޭގެ 6 ލައްކައަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 28 ހާހަށްވުރެ މައްޗަށް އަރާފައެވެ.