English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީގެ އަށްވަނަ އިންޓަރ އޮފީސް ބެޑުމިންޓަން މުބާރާތުގެ ފިރިހެން އިވެންޓުގެ ޗެމްޕިއަންކަން އައްޑޫ ބެޑުމިންޓަން ކުލަބު (އޭބީސީ) ގެ ސީ ޓީމް ހޯދައިފިއެވެ. އެޓީމް މި އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޭބީސީގެ ބީ ޓީމާ ބައްދަލުކޮށް ސީދާ 4 މެޗުން ކާމިޔާބު ކޮށްގެންނެވެ. މުބާރާތަށްފަހު މިއިވެންޓުގެ ޗެމްޕިއަންޓީމާއި ރަނަރއަޕް ޓީމަށް ތަށްޓާއި، މެޑެއްޔާއި، ފައިސާގެ އިނާމް ހަވާލުކޮށް ދެއްވީ ޝަރަފުވެރި މެހުމާން ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފެވެ. ޗެމްޕިއަންޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ދީފައިވަނީ ދިހަހާސް ރުފިޔާއެވެ. ރަނަރއަޕް ޓީމަށް ދީފައިވަނީ ދެހާސް ފަސް ސަތޭކަ ރުފިޔާއެވެ. ހޮރައިޒަން އެކެޑަމީން ވިދާޅުވީ މިމުބާރާތް ކާމިޔާބުކާމާއި އޮންމާން ކަމާއެކު ނިންމައިލެވުނީ ޓީމްތަކާއި ޓީމްތަކުގެ އޮފިޝަލުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށެވެ. އެކަމަށްޓަކައި އެހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް އެތަނުން ވިދާޅުވިއެވެ. ޚާއްސަކޮށް އާމިނަތު ގުލްފިޝާމް ވެދެއްވި އެހީތެރިކަމަށްޓަކައި އޭނާއަށް އެކެޑަމީންވަނީ ޚާއްސަ ޝުކުރެއް ދަންނަވައިފައެވެ. ހޮރައިޒަން އެކެޑަމީން ވިދާޅުވީ މުބާރާތުގައި ދިމާވި ކުދިކުދި މައްސަލައްތައް ވަރަށް އިންސާފުވެރިކަމާއެކު މަޝްވަރާގެ އުސޫލުންވަނީ ހައްލުކުރެވިފައެވެ. ފައިނަލް މެޗުތަކާ ހަމައަށް އައިއިރު އެއްވެސް މައްސަލައެތްނެތް ކަމަށްވެސް އެތަނުން ވިދާޅުވިއެވެ. “މިފަދަ މުބާރާތެއްގައި ހުރިހާ ކުޅުންތެރިންވެސް ކުރިއަށް އޮތްތާގައިވެސް ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުޅުމަށް ހޮރައިޒަން އެކެޑަމީގެ ރައީސާ އާއިޝަތު ޒަބީނާ އިލްތިމާސް ކުރައްވާ،” އެކެޑަމީން ވިދާޅުވިއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރުންނަކީ ބޭންކްއޮފް މޯލްޑިވްސްއާއި، އެމްޕީއެލްއާއި، އީކުއޭޓަރވިލެޖާއި ޔޫތު މިނިސްޓްރީއެވެ. މިމުބާރާތަކީ ބެޑުމިންޓަން އެސޯސިއޭޝަނާއި، ހޮރައިޒަން އެކަޑަމީއާ ގުޅިގެން ބޭއްވި މުބާރާތެކެވެ. މުބާރާތުގެ މަގުސަދަކީ ސައުތު ރީޖަންގެ އޮފީސްތަކުގެ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމާއި، އޮފީސް އަދި ފަރުދީ ފެންވަރުގައި ބެޑުމިންޓަން ކުޅުންތެރިން އުފެއްދުމެވެ. އަދި އެކުޅުންތެރިންގެ ފެންވަރު މަތިކުރުމާއި، ދެކުނު ސަރަހައްދުގައި ބެޑުމިންޓަންގެ މަގުބޫލްކަން އިތުރު ކުރުމެވެ.