English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީގެ އަށްވަނަ އިންޓަރ އޮފީސް ބެޑުމިންޓަން މުބާރާތުގެ އަންހެން އިވެންޓުގެ ޗެމްޕިއަންކަން އައްޑޫ ބެޑުމިންޓަން ކުލަބު (އޭބީސީ) ގެ ސީ ޓީމް ހޯދައިފިއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލުގައި ފެނަކަ ކޯޕަރޭޝަނާ ބައްދަލުކޮށް 5 މެޗު ތިން މެޗުން މޮޅުވެގެންނެވެ. މުބާރާތަށްފަހު ޗެމްޕިއަންޓީމާއި ރަނަރއަޕް ޓީމަށް ތަށްޓާއި، ފައިސާގެ އިނާމާއި، މެޑަލް ހަވާލުކޮށް ދެއްވީ ޝަރަފުވެރި މެހުމާން ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފެވެ. ޗެމްޕިއަންޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ދީފައިވަނީ ފަސް ހާސްރުފިޔާއެވެ. ދެވަނަ ޓީމަށް ދީފައިވަނީ ދެހާސް ފަސް ސަތޭކަ ރުފިޔާއެވެ. ހޮރައިޒަން އެކެޑަމީން ވިދާޅުވީ މިމުބާރާތުގެ ފައިނަލާ ހަމައަށް ޓީމްތައް ދަތުރުކުރިއިރު ދިމާވި ކުދިކުދި ހުރިހާ މައްސަލައެއްވަނީ ހައްލުވެފައި ކަމަށެވެ. އެހެން ކަމުން މުބާރާތް ނިމިގެންދިޔައީ ވަރަށް އެކުވެރިކަމާއެކު ކަމަށް އެތަނުން ވިދާޅުވިއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރުންނަކީ ބޭންކްއޮފް މޯލްޑިވްސްއާއި، އެމްޕީއެލްއާއި، އީކުއޭޓަރވިލެޖާއި ޔޫތު މިނިސްޓްރީއެވެ.