English Edition
Dhivehi Edition

ކަރަންޓީނުގައި ތިބޭ މުއްދަތު ހަމަވެގެން އެނބުރި ޤައުމަށް ފުރައިގެން ދިޔަ އިޓަލީގެ 2 ފަތުރުވެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ހަވީރު ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހައި ރިސްކު މީހުން ފުރައިގެން ދިއުމުގެ ކުރިން ސާމްޕަލް ނަގާ ކަމަށާއި އެގޮތުން ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

“ރާއްޖޭގައި އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ނިންމާފައި ފުރައިގެންދިޔަ އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވިކަން އަޅުގަނޑުމެންނަށް މިއަދު ފާހަގަކުރެވޭ. އަޅުގަނޑުމެން ކަރަންޓީނު ނިންމާފައި ހައި ރިސްކު މީހުން ފުރައިގެން ދިއުމުގެ ކުރިން ރިސާޗަށް ސާމްޕަލް ނަގަން. އެގޮތުން ނެގި ސާމްޕަލްގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން މިއަދު ފާހަގަކުރަން. އެ ދެ މީހުން އިޓަލީއަށް ދަތުރުކުރަމުންދަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާ މިވަގުތު ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީނު ފެސިލިޓީގައި ކަމަށެވެ. އަދި އެމީހާ ޕޮޒިޓިވްވިކަން ކަށަވަރުވީ މައިލްޑް ސިޕްޓަމްސް ހުރެގެން ސާމްޕަލް ނަގައި ހެދި ޓެސްޓުތަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި ދިވެހި މީހާއަކީ ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން ކަށަވަރުވާ ފުރަތަމަ ދިވެއްސެވެ. މީގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުރި ދިވެއްސަކު ވެސް ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް މި މީހާ އާއި ބެހޭ މަޢުލޫމާތު އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. މިއަދު ޕޮޒިޓިވްވި ދިވެހި މީހާއާއެކު މިވަގުތު ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާދެމުން އަންނަނީ ޖުމްލަ ފަސް މީހަކަށެވެ. އަދި މިހާތަނަށް ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.