English Edition
Dhivehi Edition
ޑެނިއެލާ ވަނީ ވައިރަސް އަށް ޕޮޒިޓިވް ވީ ކަން އެނގުމުން އަމިއްލަ އަށް މަރުވެފައި

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން އެނގުމުން އިޓަލީގެ ނަރުހަކު އަމިއްލައަށް މަރުވެއްޖެއެވެ.

34 އަހަރުގެ ޑެނިއެލާ ޓްރެޒީ އަކީ އިޓަލީގައި ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ލޮމްބާޑީގައި ފްރޮންޓް ލައިނުގައި މަސައްކަތް ކުރަމުން ދިޔަ ނަރުހެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނަރުސް މީހާ އަމިއްލަ އަށް މަރުވެފައިވަނީ އޭނާގެ ފަރާތުން އެހެން މީހަކަށް މި ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށްޓަކައެވެ.

އިޓަލީގެ ނެޝަނަލް ފެޑަރޭޝަން އޮފް ނާރސެސް އިން އެމީހާގެ މަރު ކަށަވަރު ކޮށްދެމުން ބުނެފައިވަނީ އެބަލީގެ ވޭނާއި ކެކުޅުން އޭނާ ތަހައްމަލު ކޮށްފައިވާ ކަމަށެވެ. އަދި ގިނަ މެޑިކަލް އޮފިސަރުން މިވަގުތު ވަނީ ވަރަށް ބޮޑަށް ސްޓްރެސް ވެފައި ކަމަށާއި މި ކާރިސާއިން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހެން މީހުންގެ ގަޔަށް އެމީހުންގެ ފުށުން މި ބަލި ފެތުރިދާނެތީ ވެސް ކަންބޮޑުވާކަމަށެވެ.

އިޓަލީގެ ވެނިންސްގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރި އިތުރު ނަރުހެއްވެސް މި ދިޔަ ހަފްތާގައި ހަމަ މިގޮތަށް މަރުވެފައިވާ ކަމަށް ވެސް ނަރުހުންގެ ގުރޫޕުން ބުނެއެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ޔޫރަޕުގައި އިތުރަށް ގޯސްވެ އަންގާރަ ދުވަހުގެ ހަވީރާ ހަމައަށް ޔޫރަޕުން ބަލިޖެހުނު މީހުންގެ އަދަދު 200،000 އަށް ވަނީ އަރާފައެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ވެރިޔާ އެންޖެލޯ ބޮރެއްލީ ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 5،249 މީހުން އަލަށް ޕޮޒިޓިވްވެ 743 މީހުން މަރުވެފައިވާ ކަމަށެވެ. އިޓަލީން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުން ވޭތުވެދިޔަ ދެ ދުވަހު ދަށްވި ނަމަވެސް އިއްޔެ އަނެއްކާވެސް ވަނީ މައްޗަށް ޖެހިފަ އެވެ. އިޓަލީން ހޮނިހިރު ދުވަހު 793 މީހުން މަރުވި ނަމަވެސް އާދިއްތަ ދުވަހު 650 މީހުން މަރުވިއިރު ހޯމަ ދުވަހު މަރުވީ 605 މީހުންނެވެ. އިޓަލީން ފެބްރުއަރީ 21 ވަނަ ދުވަހު ފުރަތަމަ މީހާ މަރުވި ފަހުން މިހާތަނަށް ވަނީ 6،820 މީހުން މަރުވެ 69،176 މީހުން ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 ޖެހިގެން އިޓަލީގެ ލޮމްބާޑީ ސަރަހައްދުން އެންމެ ފުރަތަމަ މީހަކު މަރުވީ ފެބްރުއަރީ 21 ގަ އެވެ.