English Edition
Dhivehi Edition

ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ.

މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50އިންސައްތަ މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަގުލާއި އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ކުރިމަތިލާންޖެހޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

އާންމު ގޮތެއްގައި ފުރަގަސް ފަރާތު ބަލި މެދުވެރިވަން ކުރިމަތިވަނީ ޅިނދާ، ފުރަގަސް ފަރާތް ހިމެނޭ ހިސާބުގައި ހުންނަ ނުސާފުލޭ ދައުރުވާ ލޭހޮޅި ތަކަށް އާދަޔާ ޚިލާފަށް ޕްރެޝަރު ބޮޑުވުމުންނެވެ.އާންމު ގޮތެއްގައި ފުރަގަސް ފަރާތު ދޮރު ވަށައިގެންވީ ހިސާބުގެ ޓިޝޫތައް ހުންނަނީ ލެއިން ފުރިފައެވެ. މިއީ ގޮހޮރު ހަރަކާތްތައް ފަސޭހަކޮށްދޭނެ ކަމެކެވެ. ބޮޑުކަމުދިއުމުގެ ތެރޭގައި ބާރުލާނަމަ، ލޭހޮޅިތަކުގެ އެތެރޭގެ ޕްރެޝަރު މަތިވެއެވެ. ލޭހޮޅީގެ އެތެރޭގެ ޕްރެޝަރު މަތިވެއްޖެނަމަ ލޭހޮޅި ދެމި، ފުފޭގޮތްވާނެ އެވެ. ބަނޑުހިކުމަކީ އެކަމުގެ ސަބަބުން ބޮޑުކަމުދާއިރު ހިފާލަންޖެހި، ލޭހޮޅިތަކުގެ ޕްރެޝަރު އިތުރުކޮށްފާނެ ކަމެކެވެ.

މިގޮތުން ޕްރެޝަރު އިތުރުވެ، ފުރަގަސް ފަރާތު ބަލި މެދުވެރިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި ދިގުމުއްދަތަކަށް ބަނޑުހަރުވުމާއި،ވިރާސީގޮތުން ފުރަގަސްފަރާތު ބަލި ޖެހުމާއި،ކުޑަކަމުދާއިރު ބާރުލާންޖެހުމާއި،ކެންސަރު ގެ ވައްތަރުތައް،މާބޮޑަށް ފަލަވުން ނުވަތަ ބަރުދަން އިތުރުވުމާއި،މާބަނޑު ދުވަސްވަރު ފުރަގަސްފަރާތު ބަލި ޖެހުން ފަދަ ކަންތައް ހިމެނެއެވެ.

ބަނޑުހިކުމުގެ މައްސަލަ ހުންނަ ނަމަ ފުރަގަސްފަރާތު ބަލި އިތުރަށް ގޯސްވެ ފުރަގަސް ފަރާތް ފައިބާގޮތް މެދުވެރިވެއެވެ. މީގެ އިތުރުން ފުރަގަސްފަރާތު ދޮރުގައި ކަހާ ހިރުވުމާއި، ބޮޑުކަމުދާއިރު ލޭއައުމަކީ ފުރަގަސްފަރާތު ބަލި ހުންނަނަމަ ކުރިމަތިވެދާނެ ކަންކަމެވެ.

އެހެން ނަމަވެސް ގިނަމީހުނަށް ހީވެފައި އޮންނީ ގިނައިރު ކޮޅަށް ހުރުން، ނުވަތަ އެއްތާކު އިށީދެގެން އިނުން، ނުވަތަ ބަރު އެއްޗެތި އުފުލައިހެދުން، ފަދަ ކަންތައްތަކަކީ ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިކުރުވާ ސަބަބުތަކެއް ނޫނެވެ. ނަމަވެސް މިއީ ފުރަގަސް ފަރާތު ބަލިޖެހުމަށްފަހު އެކަމުގެ އުދަނގޫ އިތުރަށް ގޯސްކުރާނޭ ކަންތައްތަކެކެވެ.

ފުރަގަސްފަރާތު ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ފުރަގަސް ފަރާތުގައި ރިހުން، ފުރަގަސްފަރާތުގައި ހިރުވުން، ފުރަގަސްފަރާތް ކެހުން، ފުއްޕާފައިވާ ލޭނާރުތައް ބޭރަށް ނިކުމެ ފެންނަށް ހުރުން، ފުރަގަސްފަރާތް ފާރުވުން، އަދި ފުރަގަސްފަރާތުން ލޭއައުން ފަދަ ކަންތައްތައް ހިމެނެއެވެ. ފުރަގަސްފަރާތުން ލޭއައުން ބޮޑަށް އާންމުކަމަށް ފާހަގަކުރެވިފައިވަނީ ”އެތެރެއަށް ލޭނާރު ފުއްޕާފައި ހުންނަ ވައްތަރު”ގައެވެ. ބޮޑުކަމުދިއުމުގެ ކުރިންނާއި، ބޮޑުކަމުދިއުމުގެ ތެރޭގައި، އަދި އޭގެ ފަހުން ވެސް ފުރަގަސްފަރާތުން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއްފަހަރު ބޮޑުކަމު ގޮސް ނިމުމުން ވެސް، އަދިވެސް ބޮޑުކަމުދާ އެއްޗެހި ހުސްނުވެ ހުންނަހެން އިހްސާސްވުން، ގޮހޮރު ނުވަތަ ފުރަގަސްފަރާތް ފުރިފައި ހުންނަހެން އިހްސާސްވުން ފަދަ ކަންތައް ދިމާވެއެވެ. މަދު ފަހަރަކު ފުރަގަސްފަރާތް ހިމެނޭ ހިސާބުގައި އިންފެކްޝަން އަށަގަތުމަކީ ވެދާނެކަމެކެވެ.

ފުރަގަސްފަރާތު ބަލި ޖެހުމުން ދެވިދާނެ ފަރުވާގެ ތެރޭގައި ޚާއްޞަކޮށް ބަނޑުހަރުވެގެން ދިޔަ ނުދީ ބެހެއްޓުމަށް ފައިބަރުން މުއްސަދިވެފައިވާ ކާނާ ބޭނުންކުރުން(ރޯމޭވާ، ތަރުކާރީ، ތޮޅި، ހޯލް ގްރޭންސް ފަދަ ބާވަތްތައް ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުން ކުރުން) ކަސްރަތުކުރުން، ދިޔާތަކެތި ގިނަގިނައިން ބުއިން އެހެން ނަމަވެސް ކޮފީ، ކަޅު ސައި، ކޯލާ، ފަދަ ކެފޭން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން މިއީ ވަރަށް މުހިއްމުކަމެކެވެ. ބޮޑުކަމުދެވި ނިމުމުން ކޮންމެ ފަހަރަކު އާދައިގެ ސާބޯންޏަކާއި ތާފަނާފެން ބޭނުންކޮށްގެން ފުރަގަސްފަރާތް ހިމެނޭ ހިސާބު ރަގަޅަށް ސާފުކުރާށެވެ. އެއަށްފަހު ސާފު ފޮތިގަނޑަކުން ނުވަތަ ތެތްޓިޝޫއެއް ފަދަ އެއްޗަކުން ފުރަގަސް ފަރާތް ފުހެލާށެވެ. މިގޮތަށް ހެދުމުން ދުޅަތިރިކޮށް ހިރުވުން ކުޑަކޮށްދެއެވެ.ތާފަނާ ފެން ނުވަތަ ކޮންމެވެސް ވަރަކަށް ހޫނުކަންއެކުލެވޭ ފެން އޭގެ ތެރޭގައި ހުރެވޭ ކަހަލަ އެއްޗަކަށް އެރި 15ވަރަކަށް މިނިޓް ވަރު ހޭދަކުރުން އަދި ގަނޑުފެން ގަނޑެއް ފަދަ އެއްޗެއް ބޭރަށް ނިކުމެފައިވާ ބައިގައި ޖެއްސައިގެން ބޮޑިތާންކުރުން ފަދަ ކަންކަމަކީ ފުރަގަސްފަރާތު ބަލީގެ ސަބަބުން އެހިސާބުގައި އުފެދިފައިވާ ރިހުމާއި،ދުޅަ ތިރިކޮށްދޭނެ ކަންކަމެވެ.

ދިރިއުޅުމުގައި ދިމާވާ މިފަދަ ކަންކަމުން ސަލާމަތް ވުމަށްޓަކައި ރެގިއުލާރ ޗެކަޕް ހެދުމާއި ގަޑިންގަޑިއަށް ކެއުމާއި ކަސްރަތުކުރުމަކީ ވަރަށް މުހިންމުކަމެކެވެ.