މިރޭ ދަންވަރުން ފެށިގެން 21 ދުވަހުގެ މުއްދަތަކަށް މުޅި އިންޑިއާ ލޮކްޑައުން ކުރުމަށް ނިންމާފައިވާކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނެރެންދްރާ މޯދީ މިރޭ ހާމަކޮށްފިއެވެ.
ގައުމާ މުޚާތަބް ކުރައްވާ މޯދީ މިރޭ ދެއްވެވި ތަގްރީރުގައި ވިދާޅުވީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިއާ ބަންދު މިކުރަނީ ކުރިއަށް އޮތް 21 ދުވަހު ގޭގައި މަޑުނުކޮށްފި ނަމަ 21 އަހަރަށް ގައުމު ފަހަތަށް ސޮއްސާލާނެ ކަމުގައި ވާތީ ކަމަށެވެ. އަދި ބައެއް އާއިލާތައް ދާއިމަށް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ލޮކްޑައުންގެ ސަބަބުން ގައުމުގެ އިގްތިސާދަށް އޭގެ އަސަރުކުރާނެ ކަމަށާއި، އެހެން ނަމަވެސް އިންސާނުން ސަލާމަތްކުރުން މުހިއްމު ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުތަކަށް އިޝާރާތް ކުރައްވައި މޯދީ ވިދާޅުވީ ބަލިޖެހިފައި ހުރި އެންމެ މީހެއްގެ ފަރާތުން ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ބަޔަކަށް ބަލިޖެހިދާނެ ކަމަށެވެ.
މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރުމަށް ނިންމާފައިވާއިރު އެ ގައުމުން ވަނީ ބައިނަލްއަގްވާމީ ދަތުރުތަކާއި، އެތެރޭގެ އުދުހުންތައްވެސް ހުއްޓާލާފައެވެ. އެކަމާ ގުޅިގެން އިންޑިއާގައި ތިބި އެހެން ގައުމުތަކުގެ އެތަކެއްހާސް ރައްޔިތުން ވަނީ އިންޑިއާގައި މަޑުކުރަން ޖެހިފައެވެ.
މީގެ އިތުުރުން އިންޑިއާގެ ބޮޑެތި ވިޔަފާރިތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ރޭލް ދަތުރުތައްވެސް މިހާރު ވަނީ ހުއްޓާލާފައެވެ.
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުން ވަނީ 500 އަށްވުރެ މައްޗަށް އަރާފައެވެ.