English Edition
Dhivehi Edition

ލިޔުނީ: ހިޒްޔަމް ދުނިޔޭގެ އެންމެ މަޝްހޫރު 2 ފުޓުބޯޅަ ކްލަބު ކަމަށް ވާ، ބާސެލޯނާ އާއި ރެއާލް މެޑްރިޑުން އިއްޔެގެ ފަރިތަކުރުންތަކުގައި 1 މިނިޓުގެ ހަމަހިމޭންކަމުގެ ސުކޫތެއް ކުރިއަށް ގެންގޮސްފި އެވެ.

މި ސުކޫތު ކުރިއަށް ގެންދިޔައީ ސްޕެއިންގެ ސިޓީއެއް ކަމަށްވާ ބަސެލޯނާ އަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއާއި ގުޅިގެން 13 މީހުންގެ ފުރާނަ ގެއްލި 100 މީހުންނަށް ޒަޚަމް ވެފައިވާތީ އެވެ.

ބާސާގެ ކުޅުންތެރިޔާ، އަދި ދުނިޔޭގައި ނަން މަޝްހޫރު ތަރި ލިއޮނެލް މެސީ ވަނީ ބާސިލޯނާގެ އާއިލާތަކަށް ހަމްދަރުދީ ފޮނުވާފައެވެ. އޭނަ ފޭސްބުކު ޕޯސްޓެއްގައި ބުނެފައިވަނީ ” ބާސެލޯނާގައި ދިން ޓެރަރިސްޓު ހަމަލާގެ ޝިކާރައަށް ވި އެންމެންގެ އާއިލާތަކަށާއި އެކުވެރިންނަށް ހަމްދަރުދީ ފޮނުވަން. އަހަރެމެން ބޭނުންވަނީ މުޅި ދުނިޔޭގައިވެސް ހަމަޖެހުން. އެއްވެސް ކަހަލަ ހަމަނުޖެހުމެއް އަހަރެމެން ބޭނުމެއް ނޫން. ” މީގެ އިތުރުން، ޕީއެސްޖީގެ ކުޅުންތެރިޔާ، ނޭމާ ޖޫނިއަރ ވަނީ ޓުވިޓާގައި ޕޯސްޓެއް އާންމުކޮށް، ހިތާމަ ފާޅުކޮށްފައެވެ. ” އިލާހު ހުރިހައި އާއިލާތަކަށް އަމާންކަން ދެއްވާނެ ” ނޭމާ ލިޔެފައިވެއެވެ

މި ހަމަލާއާއި ގުޅިގެން ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭމްޕް ނޮއުގައި 2017/18 ލަލީގާ ހުޅުވުމަށް ރިއާލް ބެޓިސް އާއި ބާސާ ކުޅޭ މެޗުގައި، ދެ ޓީމުންވެސް ކުޅޭނީ އެއް މިނިޓުގެ ހަމަހިމޭންކަމުގެ ސުކޫތަކަށް ފަހު، ކަޅު އާމް ބޭންޑު އަޅައިގެން ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ބާސާގެ ދިދަ ހުންނާނީ، އިއްޒަތުގެ ނިޝާނެއްގެ ގޮތުގައި، ބައި ދަނޑިއަށް ތިރިކޮށްފައި ކަމަށެވެ.