ކޮވިޑް19 ގެ ބިރުވެރިކަން ޗައިނާގައި އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރު ހިތްވަރާއެކު މަސައްކަތް ކުރި ހެލްތު ސްޓާފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެމީހުންގެ ފޮޓޯތަކުން ޗައިނާގެ ބޮޑެތި އިމާރާތްތައް ދިއްލާލައިފިއެވެ.
ޗައިނާގެ 18 ސިޓީއެއްގައި 50،000 ބޮޑެތި ލެޑް ސްކްރީންތަކުން މި ސްޓާފުންގެ ފޮޓޯ ދިއްލާލާފައިވަނީ ކޮވިޑް 19 ގެ އައުޓްބްރެކްގައި ހޫބެއި ޕްރޮވިންސްގައި މަސައްކަތް ކުރި ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުން އެނބުރި އެމީހުންގެ އަމިއްލަ ގެތަކަށް ދިޔައިރު އެމީހުންނަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ.
ޑިސެމްބަރު މަހު ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީން ބަލި މީހަކު ނުފެންނަތާ މިހާރު 6 ދުވަސް ވަނީ ވެފައެވެ.
ޗައިނާގައި ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރުނު ހޫބެއި ޕްރޮވިންސުގެ ވެރިރަށް ވޫހާން ފިޔަވާ ހުރިހާ ސަރަހައްދެއް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް އެގައުމުންް މިހާރުވަނީ ބުނެފައެވެ. ހޫބެއިގެ ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އެ ޕްރޮވިންސުގެ ވޫހާން ފިޔަވާ ހުރިހާ ސަރަހައްދަކަށް އަރާ ފޭބުން މާދަމާއިން ފެށިގެން ހުއްދަ ކުރާނެ އެވެ. އަދި ވޫހާންގައި ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ހުރަސްތައް ލުއި ކުރާނީ އަންނަ މަހުގެ އަށެއްގަ އެވެ.
ހޫބެއި އިން އެފަދައިން ނިންމާފައި ވަނީ މިދިޔަ ހަފްތާގެ އަންގާރައިގައި އެ ޕްރޮވިންސުން އެއްވެސް މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ރިޕޯޓު ކުރި ފަހުންނެވެ. ވޫހާން އިން ކޮވިޑް-19 މިހާރު ފެންނަނި ބޭރު ގައުމުތަކުގައި އުޅެފައި އަންނަ މީހުންގެ ފަރާތުންނެވެ.
ޗައިނާގައި މިހާތަނަށް 81،500އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހި، އޭގެ ސަބަބުން 3،281 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލި ޖެހުނު 73,277 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.