English Edition
Dhivehi Edition
ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން އޯލެވެލް އިމްތިހާން ހަދަނީ/ފޮޓޯ ޝަރަފުއްދީންސްކޫލް

ކޮވިޑް 19 ގެ ނުރައްކާ އިތުރުވެ ދުނިޔޭގައި މި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ މިއަހަރުގެ މެއި/ޖޫން ގައި ބާއްވާ އެއްވެސް އިމްތިޙާނެއް އެއްވެސް ޤައުމެއްގައި ނުބާއްވާ ގޮތަށް ނިންމައިފިއެވެ. ރާއްޖޭގައި ވެސް އޯލެވެލް އޭލެވެލް އިމްތިޙާން ބާއްވަމުން އަންނަ ކޭމްބްރިޖް އިންޓަނޭޝަނަލް އިން މިރޭ ނެރުނު ސްޓޭޓްމެންޓްގައި ވާގޮތުން މިފަދަ ނިންމުމެއް ނިންމަން ޖެހުނީ ކޮވިޑް 19 ގެ ނުރައްކާބޮޑުވެ ގިނަ ޤައުމުތަކުގައި ސްކޫލްތައް ހުޅުވުން މެއި/ޖޫން މަހާއި ހަމަޔަށް ފަސްކޮށް ފައި އޮތުމުގެ ސަބަބުން އިމްތިޙާން ބޭއްވުމަކީ އެއްވެސް ޙާލެއްގައި ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

އަޅުގަނޑުމެން އައީ އިމްތިޙާނުތަކުގައި ބައިވެރިވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސްކޫލްތަކާއި މަޝްވަރާ ކުރަމުން.އަޅުގަނޑުމެން އިސްކަންދެނީ ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރުކޮށް ހަމަހަމަ ކަމާއެކު އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް. އެހުރިހާ ކަމަކަށް ބަލާފަ މި އުނދަގޫ ނިންމުން ނިންމީ” ކޭމްބްރިޖްގެ ބަޔާނުގައި ވެއެވެ.

އެޔުނިވަރސިޓީން މެއި/ޖޫން ގައި ބާއްވަމުން އަންނަ ހުރިހާ އިމްތިޙާނެއް މިވަނީ ކެންސަލް ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކޭމްބްރިޖް އައިޖީސީއެސްއީ،ކޭމްބްރިޖް އޯލެވެލް،ކޭމްބްރިޖް އިންޓަނޭޝަނަލް އޭ އެސް، އޭ ލެވެލް، ކޭމްބްރިޖް އޭއައިސީއީ ޑިޕްލޮމާ އަދި ކޭމްބްރިޖް ފްރީ ޔޫ އެވެ.

އިމްތިޙާންތައް ކެންސަލް ވި ކަމުގައި ވިޔަސް ދަރިވަރުންވަނީ ވަރަށް ފުރިހަމަޔަށް އިމްތިޙާނަށް ތައްޔާރުވެފައި ކަން ފާހަގަ ކުރަމުން ކެމްބްރިޖުން ބުނެފައިވަނީ ސްކޫލްތަކާއި އެކު މަސައްކަތް ކޮށްގެން އެންމެ އެކަށީގެންވާ މިންގަނޑަކުން ފުރިހަމަ ހެއްކާއެކު ކުދިންގެ ފެންވަރު ވަޒަންކޮށް ގްރޭޑްތަކެއް ދޭނެކަމަށާއި އަދި އެދަރަޖަ ޙާސިލްކޮށްފައިވާ ކަމުގެ ކޭމްބްރިޖް އިންޓަނޭޝަނަލް ސެޓްފިކެޓެއްވެސް ދަރިވަރުންނަށް ދޭނެ ކަމަށެވެ. މިއީ މި ދަތި ޙާލަތުގައި ދަރިވަރުންނަށް އެއްވެސް އުނދަގުލެއްނެތި އުނގެނުމާއިގެން ކުރިއަށްދިއުމަށް މަގުފަހިކުރުމުގެ ގޮތުން ކޭމްބްރިޖުން އެޅި ފިޔަވަޅެކެވެ.

އަޅުގަނޑުމެން ސްކޫލްތަކަށް ،ގްރޭޑް ކަނޑައެޅޭނެ ގޮތުގެ އިރުޝާދުދޭނަން .މިހާރުވެސް މިދަނީ ދުނިޔޭގެ އެކިއެކި ޔުނިވަސިޓީތަކާއި ވާހަކަ ދައްކަމުން ދުނިޔެއަށް ދިމާވެފައިމިވާ ދަތި ޙާލަތު ގައި މިކަން ބަލައިގަނެ ދަރިވަރުންނަށް ކުރިއަށްދާނެ ފުރުސަތުތައް ފަހިކޮށްދިނުމާމެދު ގޮތެއް ނިންމުމަށް. ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އޭރުން.

ކޭމްބްރިޖުންވަނީ މާރޗް 26 ވަނަ ދުވަހުން ފެށިގެން އެ ޔުނިވަސިޓީގެ ވެބްސައިޓް: www.cambridgeinternational.org ގައި ސްކޫލްތައް އަޕްޑޭޓްކޮށް ކިޔެވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން މުދައްރިސުންނާއި ދަރިވަރުންނަށް ފޯރުކޮށްދެއްވާނެ ކަމަށް ބުނެފައެވެ.

ކޭމްބްރިޖްގެ މި ނިންމުމާއެކު ރާއްޖޭގައިވެސް މެއި/ޖޫންގައި ބާއްވަން ތާވަލްކުރެވިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިޙާން ނޯންނާނެއެވެ. ރާއްޖޭގައި ހަދާ ކޭމެބްރިޖް އައިޖީސީއެސްއީ އޯލެވެލް އިމްތިހާނު ޢާއްމުކޮށް އޮންނަނީ އޮކްޓޯބަރ/ނޮވެމަބަރު މަހުގައެވެ. މި އިމްތިހާނަށް އެއްވެސް ބަދަލެއް އަދި ގެނެސްފައެއް ނުވެއެވެ.