English Edition
Dhivehi Edition

ކޮވިޑް19 އާއި ގުޅިގެން ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެ ދިން ކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ އާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށާއި އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުން ދާކަމަށެވެ. އަދި އެހީގެ ތަކެތި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާއިރު އެހީ ފޮނުވާނެ ފްލައިޓެއް ބަލަމުންދާ ކަމަށެވެ.

ރާއްޖެއާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކުންވެސް ދަތުރުތައް މެދުކަނޑާލާފައިވުމުން ރާއްޖެއަށް ޗައިނާއިން މުދަލާ މީހުން ގެނައުމަށް ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ.

ޗައިނާ ސަފީރުގެ ޓްވީޓާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހުއްޓުމުގެ ސަބަބުން ފްލައިޓްތައް ހޯދުމަށް ދަތިވާނެކަން ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ރާއްޖެ އިން އަޅަމުން ގެންދަނީ ވަރަށް އުނދަގޫ އެހެން ނަމަވެސް ވަރަށް ފާހަގަކޮށްލެވޭ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަނީ މީގެ ކުރިން ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވައިފަ އެވެ.