English Edition
Dhivehi Edition

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މައުރޯނޭ ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވަނީ އޭނާ ރާއްޖެ އައިސް އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ބެލެވޭކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވައިރަހާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕޯކްސްޕާސަން، މަބްރޫކް ވިދާޅުވީ އޭނާ ރާއްޖެ އައިސްފައިވަނީ މާޗްމަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ޕޮޒިޓިވް ވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ އޭނާ ރާއްޖެ އައިސް އެނބުރި ޗައިނާއަށް ދިޔަފަހުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ޗައިނީޒް ސުޕަރ ލީގުގައި ކުޅެމުންދާ ކުޅުންތެރިޔެއް ކަމަށްވާ ފެލައިނީ ރާއްޖެ އައިސް ހުރީ ރީތިރަށް ރިސޯޓުގައެވެ. އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިވަނީ 12 މާޗުގައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

“އޭނާ ޕޮޒިޓިވް ވިކަން އެނގިފައިވަނީ މާޗް މަހުގެ 20 ވަނަ ދުވަހު. އެހެންވީމަ، ސާދަ ދުވަހުގެ މުއްދަތަށް ބަލާ ކަމުގައިވާނަމަ އެންމެ އަވަހަށް އެބަލި ޖެހޭނެކަމަށް ލަފާކުރެވެނީ ހަ ވަނަ ދުވަސް. ލަފާ ކުރެވެނީ އޭނާއަށް އެބަލި ޖެހުނީ ރާއްޖެއިން ފުރައިގެން ޗައިނާއަށް ދިޔަ ފަހުންކަމަށް” މަބްރޫކް ވިދާޅުވިއެވެ.

އެހެންނަމަވެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ކްލޯޒް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މީހަކު މިހާރުވެސް އައިސޮލޭޓް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު އޭނާއަކީ ޗައިނީސް ސުޕަރ ލީގުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ފުރަތަމަ ކުޅުންތެރިޔާއެވެ.