ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިޔާގެ ބިހާރް ސްޓޭޓްގެ 4500 ފައްޅި ބަންދުކުރަން އަންގައިފިއެވެ.
ބިހާރް ސްޓޭޓްގެ ދީނީ ކަންތަކާއި ބެހޭ އިދާރާއިން އިއްޔެ އަމުރުކޮށްފައި ވަނީ މާރޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފައްޅިތައް ބަންދުކުރުމަށެވެ. މި އަމުރުގެ ދަށުން ބައެއް ފައްޅިތަކުގެ އިސް ފާދިރީންނަށް ވަކި އަދަދެއްގެ މީހުންނާއި އެކު އަޅުކަން ކުރުމުގެ ފރުސަތު ދެވޭނެއެވެ. އަދި ހުރިހާ އެންމެންވެސް ގޭގައި ތިބެގެން އަޅުކަން ކުރުމަށް ބާރުއަޅާ ކަމަށް ވެސް މި އަމުރުގައި ބުނެފައިވެއެވެ.
ބަންދުކުރަން އަންގާފައިވާ ފައްޅިތަކުގެ ތެރޭގައި ބިހާރް ސްޓޭޓްގެ އެންމެ ބާރުބޮޑު މަހާވިރް މަންދިރް ވެސް ހިމެނެއެވެ.
ބިހާރު ސްޓޭޓުން މިހާތަނަށް ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ސްޓޭޓުން ވެސް ދަނީ އިންޑިޔާގެ އެހެން ސްޓޭޓްތަކެކޭ އެއްގޮތަށް ކޮވިޑް-19 ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ފައްޅިތައް ބަންދުކުރަން ބިހާރް ސްޓޭޓުން އެންގި އިރު، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މިއަދަކީ މުޅި އިންޑިޔާގައި ބޭރަށް ނިކުތުން މަނާކޮށްފައިވާ ދުވަހެކެވެ. އަދި މިއަދުން ފެށިގެން ބައިނަލްއަގުވާމީ އެއްވެސް ފްލައިޓެއް އިންޑިޔާގައި ޖެއްސުން ވެސް މަނާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އިންޑިޔާއިން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް އެގައުމުން އެ ބައްޔަށް ޓެސްޓްކުރާ މިންވަރު ދަށްކަމަށް ބުނެ ބައެއް ސިއްހީ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.