English Edition
Dhivehi Edition
އެމްއެންޑީއެފް އިން މާލޭގައި ބޭއްވި ޕެރޭޑެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު 20 މެއި 2020 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލި މި ހިނގާ މާރިޗު މަހުގެ 03 ވަނަ ދުވަހު އެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.

އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޑިފެންސް މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުންނެވެ. އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުގެ ތެރެއިން އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ޕޯސްޓާއި ޅ.ނައިފަރު ފަޔަރ ސްޓޭޝަނާއި ށ.ފުނަދޫ ކައުންސިލް އިދާރާއިންނެވެ. އަދި ސެންޓްރަލް އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ. ކައްދޫ އާއި ދ. ކުޑަހުވަދޫ ޕޯސްޓާއި ތ.އަތޮޅު ކައުންސިލް އިދާރާ އާއި ފ.އަތޮޅު ކައުންސިލް އިދާރާގެ އިތުރުން އެމްއެންޑީއެފް މުލީ ޕޯސްޓު (މ. މުލި) ނެވެ. މީގެ އިތުރުން ސަދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަދަން އޭރިއާ ޏ. ފުވައްމުލަކު ޕޯސްޓާއި ސ. ހިތަދޫ ފަޔަރ ސްޓޭޝަންގެ އިތުރުން ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުންނެވެ.

ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ އެމީހަކު އިންޓަވިއުއަށް ހާޟިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށެވެ. އަދި އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައި ވާނެއެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެއެވެ.

ވަޒީފާއަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑް ފޯމް ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުންނާއި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.