English Edition
Dhivehi Edition

2012 ވަނަ އަހަރުގެ ޑިސެމްބަރ މަހު އިންޑިޔާގެ ވެރިރަށް، ދިއްލީގައި ދުއްވަމުންދިޔަ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލަ ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ހަތަރު މީހުންގެ މައްޗަށް އެ ހުކުމް ތަންފީޒުކޮށްފިއެވެ.

މި މީހުން ދަންޖައްސާ މަރާލާފައިވަނީ މިއަދު ފަތިހު އިންޑިއާގެ ގަޑިން 5:30 ގައި ދިއްލީގެ ތިހާރު ޖަލުގައެވެ. އެއީ އަކްޝޭ ޓާކޫރު (31) ، ވިނޭ ޝަރުމާ(26) ، ޕަވާން ގުޕްތާ(25) އަދި މުކޭޝް ސިންހްގެ(35) އެވެ.

މުޅި ދުނިޔެ ސިއްސުވާލީ ‘ދިއްލީ ގޭންގް-ރޭޕް’ ނުވަތަ މީޑިއާގައި ‘ނިރްބާޔާ ރޭޕް’ގެ ނަމުން ނަންދީފައިވާ މައްސަލާގައި މަރުގެ ހުކުމް އިއްވުމާ ގުޅިގެން 4 މީހުންގެ ފަރާތުން ތަކުރާރުކޮށް އިސްތިއުނާފަށް މައްސަލަތައް ހުށަހަޅަމުންދިޔަ ނަމަވެސް، ބުރާސްފަތި ދުވަހުވެސް ދިއްލީގެ ޕާޓިއާލާ ހައުސް ކޯޓުން ވަނީ އެ މައްސަލަތައް ބޭރުކޮށްލާފައެވެ. މި 4 މީހުންވަނީ ރައީސްގެ މައާފު ލިބޭތޯވެސް މަސައްކަތްކޮށްފައެވެ.

4 މީހުން ދަންޖައްސައިގެން މަރާފައިވަނީ، އެމީހުންގެ ޖިސްމާނީ އަދި މެޑިކަލް ރިޕޯޓްތަކަށް ބެލުމަށްފަހު އެއީ ‘ފިޓް’ ނުވަތަ ހެޔޮހާލުގައި ތިބި ބައެއްކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެންމެ ފަހުރޭ މިމީހުން ޖަލުގައި ހޭދަކުރީ ކެއުމެއް ބުއިމެއް އަދި އަރާމުކުރުމެއް ވެސް ނެތިއެވެ.

އުމުރުން 23 އަހަރުގެ އަންހެންކުއްޖާ (ޖޯތީ ސިންގ) ރޭޕްކޮށްފައިވަނީ ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގަ އެވެ. އޭނާ އާއެކު އެބަހަށް އެރި އޭނާގެ ފިރިހެން ރަހުމަތްތެރިޔާއަށްވެސް އެމީހުން ވަނީ އަނިޔާކޮށްފަ އެވެ. ހަމީހުން ވެގެން އުކުއްޖާ ރޭޕްކޮށްލާ އެތައް އަނިޔާތަކެއް ދިނުމަށްފަހު އެ ދެމީހުންވަނީ މަގުމައްޗަށް އެއްލާލާފައެވެ. ޖޯތީ ސިން ނަމަކަށް ކިޔާ މިކުއްޖާ މަރުވެފައިވަނީ އެމީހުން އެކުއްޖާއަށް ދިން އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށެވެ. މިމައްސަލާގައި ޝާމިލްވާ 18 އަހަރުން ދަށުގެ ކުޑަކުއްޖާ ވަނީ ދޫކޮށްލާފައެވެ. އަދި އޭގެތެރެއިން އެކަކު ވަނީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަމިއްލަ އަށް މަރުވެފަ އެވެ. އެހެންކަމުން މިމައްސަލަ ސާބިތުވެފައިވަނީ މިއަދު ދަންޖައްސާ މަރާލި ހަތަރު މީހުންގެ މައްޗަށެވެ.

މި ހަމަލާގައި އަނިޔާ ލިބުނު ޖޯތީ މަރުވީ، އެ ވޭނުގައި 13 ދުވަހު، ކްރިޓިކަލް ހާލެއްގައި އޮތުމަށްފަހުގައެވެ.

ޖޯތީ ރޭޕްކުރުމަށްފަހު އެތައް އަނިޔާތަކެއް ދީ މަގުމައްޗަށް އެއްލާލި ހާދިސާއަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިގެންދިޔަ ހާދިސާއެކެވެ. އެހާދިސާ އާއި ގުޅިގެން އިންޑިޔާގެ އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ ވަނީ މުޒާހަރާކޮށްފަ އެވެ.

ޖޯތީގެ މަންމަ އާޝާ ދޭވީ މިއަދު މީޑީއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވަރަށް ގިނަ ދުވަސްވަންދެން މިކަމާ ގަނަ ތެޅިއްޖެ ކަމަށާއި އެންމެ ފަހުން މިއަދު އިންސާފު ލިބިއްޖެކަމަށެވެ. “މިއަދު ޚާއްޞަ ކުރާނީ މި ގައުމުގެ އަންހެން ދަރިންނަށް” އާޝާ ބުނެފައިވެއެވެ.