English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ވައިރަހަށް ތައްޔާރުކުރި ވެކްސިން ޓެސްޓުކުރަން ފަށައިފި އެވެ.

އެމެރިކާގެ ރިސަރޗް ސެންޓަރަކުން އުފެއްދި މި ވެކްސިން ފުރަތަމަ ފަހަރަށްވެސް ޖަހާފައި މިވަނީ ވައިރަހުގެ އަސަރު ނެތް، ޖެނިފާ ހެލާ ނަމަކަށް ކިޔާ އަންހެނެއްގެ ގަޔަށެވެ. ހެލާ އަކީ އަލަށް އުފެއްދި މި ވެކްސިން ޖެހުމަށް ވޮލެންޓިޔާ ކުރި 45 މީހުންގެ ތެރެއިން އެކެކެވެ. ކޮންމެ 28 ދުވަހަކުން 2 ފަހަރު މި މީހުން ގަޔަށް ވެކްސިން ޖަހާނެ އެވެ. މި މުއްދަތަކީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވެކްސިން ދެވޭ ފަރާތްތަކުގެ ޞިއްޙަތު ކައިރިން ބަލާ ދިރާސާ ކުރާ މުއްދަތެވެ.

ކެއިސަރ ޕާމެނެންޓް ވޮޝިންޓަން ރިސާރޗް އިންސްޓިޓިއުޓް އިން ފުރަތަމަ ވެކްސިންގެ ޓެސްޓުތައް ކުރަން ފެށިކަމުގައި ވިޔަސް ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އޮސްޓްރޭލިއާ އިންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުނިވަރސިޓީ އޮފް ކުއިންސްލެންޑް ގެ ސައިންސުވެރިން ވަނީ ޖަނަވަރީމަހު(ކޮވިޑް-19 ވައިރަސް ފެތުރިގެން އުޅުނު ދުވަސްކޮޅު)މި ވައިރަހަށް ވެކްސިނެއް އުފައްދަމުން އަންނަކަމަށް ބުނެފަ އެވެ.

މުޅި ދުނިޔޭގައި 35 އަށްވުރެ ގިނަ ކުންފުނިންނާއި އެކަޑެމިކް އިންސްޓިޓިއުޓުން ދަނީ ވެކްސިނެއް އުފެއްދުމުގެ ރޭހުގައި ވާދަކުރަމުންނެވެ. މީގެ ތެރެއިން 4 ކުންފުންޏަކުން ދަނީ ޖަނަވާރުންގެ ގަޔަށް އިންޖެކްޓްކޮށް ވެކްސިން ދެނެގަންނަމުންނެވެ. އިތުރު 2 ތަނަކުން ދަނީ އިންސާނުން ގަޔަށް ވެކްސިން ޖަހަން ތައްޔާރު ވަމުންނެވެ.

ކޮވިޑް-19 އަކީ ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުގެ މަސް މާރުކޭޓަކުން ފުރަތަމަ ދެނެގަނެވުނު ވައިރަހެކެވެ. މި ވައިރަސް ފުރަތަމަ ދެނެގަނެވިފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު މި ވައިރަސް ޖެހިގެން މީހުން ބަލިވެ މަރުވާން ފެށުމުންނެވެ. ފުރަތަމަ ހީކުރެވިފައި އޮތީ މި ވައިރަހަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ވައިރަހެއް ކަމަށެވެ. ނަމަވެސް ފަހުން މިއީ އިންސާނުންގެ ކިބައިން އަނެއް އިންސާނުންގެ ގަޔަށް އަރާ ވައިރަހެއް ކަމަށް ދެނެގަނެވިފައި ވެއެވެ. ޗައިނާއިން ފުރަތަމަ ފެނުނު މި ވައިރަސް ދުނިޔޭގެ ހުރިހާ ދިމާލަކަށް ފެތުރި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.