ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކަން އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.
ސްރީލަންކަން އެއާލައިންސް އިން ނެރެފައިވާ ޢިއުލާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ލަންކާގެ އެއާޕޯޓް ބަންދުކުރުމަށް ނިންމުމާއި ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކާއި ރާއްޖެއިން ލަންކާއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
މާދަމާއިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ލަންކާއިން ރާއްޖެއަށް އަދި ރާއްޖެއިން ލަންކާއަށް ސްރީލަންކަން އިން އެއްވެސް ދަތުރުރެއް ނުކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
ސްރީލަންކަން އެއާލައިންސް އިން މި މުއްދަތުގައި ބުކިން ހައްދާފައިވާ ފަރާތްތަކުން އެ އެއާލައިންގެ ނަންބަރުތަކަށް ގުޅުމަށް އެ އެއާލައިނުން ބުނެއެވެ.
ލަންކާއިން ކޮވިޑް-19 ޖެހިގެން 51 ކޭސް ރިޕޯޓުކޮށްފައިވާއިރު އެ ޤައުމުން ވަނީ މި ބަލި ފެތުރުން ހުއްޓުވުމަށް އެ ޤައުމުގެ ސްކޫލްތައް 5 ހަފްތާއަށް ބަންދުކޮށްފައެވެ. އެ ޤައުމުގެ ބައެއް ހިސާބުތަކަށް ކާފިއު ވެސް ޢިއުލާންކޮށްފައިވާއިރު އެޤައުމުގެ އިގްތިސާދަށް މިކަމުގެ ސަބަބުން ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ރިޕޯޓު ކުރެއެވެ.