English Edition
Dhivehi Edition
ފެމިލީ ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

ކޮވިޑް-19 އާއި ގުޅިގެން ފެމިލީ ކޯޓުން ދެމުން އައި ބައެއް ޚިދުމަތްތައްވެސް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ޙާލަތު ރަނގަޅު ވަންދެން، ކޯޓުން ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި ކޯޓުގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ބައެއް ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް އަދި ކޯޓުން ބޭރުގައާއި ނުރަސްމީ ގަޑީގައި ކުރާ ކައިވެނިތައް ކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ގޭގެއަށް ގޮސް ހަދާ އެސެސްމެންޓްތައްވެސް ވަގުތީ ގޮތުން 14 ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

ފެމިލީ ކޯޓުން އެގޮތަށް ނިންމާފައިވާއިރު، ރާއްޖޭގައި ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުވެސް އިއުލާންކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 އަދިވެސް ކޮންޓްރޯލް ނުކުރެވި ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާއިރު، މިހާތަނަށް ދުނިޔެއިން 186,996 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އަދި 80,842 މީހަކު އެ ބަލިން ރަނގަޅުވެފައިވާއިރު، 7,477 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.