English Edition
Dhivehi Edition

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނި އަދި މިހާރު ބަލާއާފާތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ވުޒާރާ އިން ކަނޑައަޅާފައިވާ ކޮވިޑް19 ކޮރޯނާ ވައިރަހުގެ ސަބަބުން ގިނަ އެއާލައިންތައް ބަނގުރޫޓް ވާނެ ކަމަށް ލަފާކޮށްފިއެވެ.

ގިނަ އެއާލައިންތައް ބަނގުރޫޓް ވާނެ ކަމަށް ލަފާކޮށްފައި ވަނީ އޭވިއޭޝާންގެ ދާއިރާގެ މާކެޓް އެނަލަސިސްތައް ހަދަމުން ގެންދާ ސެންޓަރ ފޯ އޭވިއޭޝަން (ކެޕާ) ގެ އެކްސްޕާޓުން ގެ ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓްގައެވެ.

ކެޕާ އިން ލަފާކޮށްފައިވާ ގޮތުގައި މެއި މަހާއި ހަމައަށް ކޮވިޑް19ގެ ކަންތައް ދެމިގެން ހިނގައްޖެ ނަމަ މިހާރުވެސް ވަރަށް ބޮޑު ވަޅުގަނޑަކަށް ވެއްޓިފައިވާ އެއާލައިންތައް ކޮޅަށް ޖެހުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.. އެހެންވެ އެއާލައިންތަކަށް ސަރުކާރުތަކުންނާއި މާލީ އިދާރާތަކުގެ އެހީތެރިކަންފޯރުކޮށްދިނުން ވަރަށް މުހިއްމު ވާނެ ކަމަށް ކެޕް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ލަފާކޮށްފައިވާ ގޮތުގައި ކޮވިޑް19ގެ ސަބަބުން އެއާލައިން އިންޑަސްޓްރީއަށް 113 ބިލިއަން ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހޭނެއެވެ.

ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ ގިނަ ގައުމުތަކުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފައި ވާއިރު ދަތުރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ޚަރަދު ކުޑަކުރުމަށް އެއާލައިންތަކުން ވެސް ދަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުން ވެސް ދަނީ އެ އެއާލައިންތަކުގެ ފްލީޓްގައި ހިމެނޭ ގިނަ މަތިންދާ ބޯޓުތައް ގްރައުންޑް ކުރަން ފަށާފައެވެ. އޭގެ ތެރޭގައި ޔޫރަޕްގެ އެންމެ ބޮޑު އެއް އެއާލައިން ކަމުގައިވާ ލުފްތަންސާ ވެސް ހިމެނެއެވެ.

އެއާލައިންތައް ބަނގުރޫޓުވާނެ ކަމަށް ލަފާކޮށްފައިވާއިރު އެއާލައިންތައް ހިމެނޭ އެންމެ ބޮޑު ތިން އިއްތިހާދު ކަމުގައިވާ ސްޓާ އެލަޔަންސް، ސްކައިޓީމް އަދި ވަންވޯލްޑްގެ ފަރާތުން ވަނީ ގައުމުތަކުގެ ސަރުކާރުތަކުގެ އެހީތެރިކަމަށް އެދިފައެވެ.އެގޮތުން އެއާޕޯޓްތަކުން ނަގާ ފީތައް ލުއިގޮތެއްގައި ހަމަޖައްސައި ދިނުމަށް އެއާލައިންތަކުގެ އިއްތިހާދުތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ ގޮވާލާފައެވެ.