English Edition
Dhivehi Edition

ކޯވިޑް-19 އާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑްގެ މަސައްކަތްތަކެއް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްދާތީ އެކަމަށް ސަމާލު ވުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

 

ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ އެތައް ބަޔަކު ކަންބޮޑުވުމެއްގައި އުޅެމުންދާ ދަނޑިވަޅެއްގައި ބައެއް ކުށްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އެކިގޮތްގޮތަށް އިންޓަރނެޓް މެދުވެރިކޮށް ފައިނޭންޝަލް ސްކޭމް ހިންގަމުންދާކަމަށް އިންޓަރޕޯލްއިން ވަނީ އިންޓަރޕޯލްގެ ހުރިހާ މެމްބަރު ޤައުމުތަކަށް އަންގާފައެވެ.

 

ސަރޖިކަލް މާސްކް އާއި އެހެނިހެން ބޭސްފަރުވާގެ ޑިމާންޑް ބޮޑުވެ މި ތަކެތި ފިހާރަތަކުން ލިބުމުގައި ދަތި ދުވަސްވަރެއްގައި، އިންޓަރނެޓް މެދުވެރިކޮށް ފޭކް ފިހާރަތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ އެކައުންޓްތަކާއި އަދި މިފަދަ ތަކެތި ވިއްކާކަމަށް ދައުވާކުރާ އީ-މެއިލް އެޑްރެސްތައް މިދުވަސްވަރު އިތުރުވެފައިވާކަން އިންޓަރޕޯލްއިން ވަނީ އެންމެންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އާއްމުން އޮންލައިންކޮށް ގަންނަ މާސްކް އާއި އެހެނިހެން މެޑިކަލް ސަޕްލައިތައް ނުލިބި އެމީހުންގެ ފައިސާތައް އޮންލައިންކޮށް ކުށްވެރިންނަށް ގެއްލޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ފްރޯޑް ސްކީމް ތަކުގެ ގޮތުގައި ފުލުހުން ފާހަގަ ކޮށްފައިވާ ކަންތައްތަކަކީ:

  • ފޯނު ފްރޯޑް: ކްލިނިކް ނުވަތަ ހޮސްޕިޓަލް އޮފިޝަލުންގެ ނަމުގައި ކުށްވެރިން މީހުންނަށް ފޯނުކޮށް އެމީހުންގެ އާއިލާ މެމްބަރެއް މި ބަލީގެ ޝިކާރައަކަށްވެފައިވާކަމަށް ބުނެ އެމީހުންނަށް ފަރުވާކުރުމަށް ޕޭމަންޓް ހެދުމަށް ބުނުން

 

  • ފިޝިންގ: ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ސިއްޙީ މާހިރުންގެ ނަމުގައި މީހުންނަށް އީ-މެއިލްކޮށް އެ އީ-މެއިލްގެ ޛަރްޢިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތާއި ޕޭމަންޓް ޑީޓެއިލްސް ހޯދުން ނުވަތަ މަލްވެއަރ ހިމެނޭ އެޓޭޗްމަންޓެއް ދީފައި އެ އެޓޭޗްމަންޓް ހުޅުވަން ބުނުން .

 

ތިރީގައި އެވަނީ ފުލުހުންގެ ބަޔާނުގައި އޮންލައިންކޮށް އެއްޗެއް ބައްލަވައިގަތުމުގެ ކުރިން ސަމާލުކަން ދެއްވަން އިލްތިމާސް ކުރައްވާފައިވާ ކަންތައްތަކެވެ.

  1. އެއްޗެއް އޮންލައިންކޮށް ބައްލަވައިގަތުމުގެ ކުރިން، އެ ތަކެތި ވިއްކާ ކުންފުނި ނުވަތަ މީހަކީ ސައްޚަ ފަރާތެއްތޯ ބައްލަވައި ވެރިފައި ކުރެއްވުން
  2. އެއްޗެއް ބައްލަވައިގަންނަވަން ތި އުޅުއްވަނީ ސައްޚަ ވެބްސައިޓެއް މެދުވެރިކޮށްތޯ ކަށަވަރުކުރެއްވުން. މިސާލަކަށް: abc.com ގެ ބަދަލުގައި abc.org ކުށްވެރިން ބޭނުންކޮށްފައި އެބަހުރި. ވީމާ، ވެބްސައިޓްގެ ސައްޚަކަން ކަށަވަރުކުރެއްވުން.
  3. އޮންލައިން ރިވިއުތައް ބެއްލެވުން. އެއްވެސް ކަސްޓަމަރަކު ގަތް ތަކެތި ނުލިބިގެން އެ ވާހަކަ ވެބްސައިޓުގައި ލިޔެފައިވާނަމަ އެ ވެބްސައިޓް ބޭނުންފުޅު ނުކުރެއްވުން.
  4. ކުންފުނި ހުރި ޤައުމު ނޫން އެހެން ޤައުމެއްގައި ހުރި ބޭންކް އެކައުންޓަކަށް ޓްރާންސެކްޝަން ހަދަން ބުނާނަމަ އެ ޕޭމަންޓް ނުހައްދަވާ މިކަން ފުލުހުންގެ ސަމާލުކަމަށް ގެންނެވުން
  5. ފްރޯޑް ވިކްޓިމްއަކަށް ވެއްޖެކަމަށް ޤަބޫލުފުޅު ކުރެއްވޭނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް އެކަން އަންގަވާ އެ ޓްރާންސެކްޝަން ހުއްޓުވަން މަސައްކަތް ކުރެއްވުން
  6. ގޮތް ނޭނގޭ މީހުންނާއި އެކައުންޓްތަކުން ފޮނުވާފައި ހުންނަ ލިންކްތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުން
  7. މެޑިކަލް އިކުއިޕްމަންޓްތައް ފޯރުކޮށްދޭކަމަށް ބުނެ ނުވަތަ މެޑިކަލް ޗެކްސް ހަދައިދޭނެކަމަށްބުނެ އީ-މެއިލްގެ ޛަރްޢިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތައް އެދޭނަމަ އެ އީ-މެއިލްތަކަށް އިޖާބަ ނުދެއްވުން. ސަބަބަކީ، ސައްޚަ ސިއްހީ އިދާރާތަކުން ޕޭޝަންޓުންގެ މަޢުލޫމާތު ހޯދުމަށް އީ-މެއިލް ގެ ޛަރްޢިއްޔާ ބޭނުން ނުކުރާތީ

 

މި ދުވަސްވަރު އޮންލައިންކޮށް ތަކެތި ބައްލަވައިގަންނަވާ ނަމަ އެ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްޚަ ވެއިބްސައިޓެއްތޯ ކަށަވަރުކުރެއްވުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.