ކޮވިޑް-19 އާއި ގުޅިގެން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މަސައްކަތްތަކަށް ބަދަލު ގެނެސްފި އެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އެ ކުންފުނީގެ މަސައްކަތްތައް ހުޢްޓުމެއްނެތި ކުރިއަށްގެންދިއުމަށްޓަކައި މިއަދުން ފެށިގެން މުވައްޒަފުން ގްރޫޕްތަކަކަށް ބަހާލެވި، ކޮންމެ ގްރޫޕެއްވެސް މަސައްކަތަށް ނިކުންނާނީ ހަފްތާއަކު ތިން ދުވަހު ކަމުގައި ނިންމައި، އަނެއް ދެ ދުވަހު މުވައްޒަފުން ތިބޭނީ “ސްޓެންޑްބައި” ޑިއުޓީގައި ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ބަދަލާއެކު އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނީ އެ ބަދަލުތައް ގެންނަން ނިންމީ އެ ކުންފުނީގެ ގިނަ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު އެތައް ބަޔަކާ ބައްދަލުވެ މަސައްކަތްކުރާ ބަޔަކަށްވާއިރު، އެއްވެސް ސަބަބެއް މެދުވެރިވެ ކުންފުނީގެ މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެފަދަ ޙާލަތެއް މެދުވެރިވިނަމަވެސް ރައްޔިތުންނަށް ދޭ ޚިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. މީގެ އިތުރުން ޓެކްނިކަލް މަސައްކަތެއް ކުރާ އެ ކުންފުންޏަކީ “ސްކިލްޑް” މަސައްކަތްތެރިންތަކެއްވެސް ގިނަ ކުންފުންޏަކަށްވާއިރު، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ މަސައްކަތް ކުރާ މާޙައުލަކީ ރައްކާތެރި މާޙަލެއްކަން ކަށަވަރުކޮށްދިނުމަކީވެސް އެ ބަދަލުތައް ގެނައި އެއް ސަބަބު ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ޚިދުމަތްދޭ ގަޑިތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެ ކުންފުނީގެ ޓިކެޓް އޮފީސް މިއަދުން ފެށިގެން ހުޅުވާނީ އާދިއްތައިން ބުރާސްފައްޗަށް 08:30 އިން 15:30 އަށް ކަމަށްވާއިރު، ހުކުރު އަދި ހޮނިހިރު ދުވަހު ޓިކެޓް އޮފީސް ބަންދުވާނެ އެވެ. އަދި ކޯސްސެންޓަރާއި ވައިބަރ ޕްލެޓްފޯމްގެ ޚިދުމަތް ހޮނިހިރުން ބުރާސްފައްޗަށް 08:00 އިން 18:00 އަށް އަދި ހުކުރު ދުވަހު 14:00 އިން 20:00 އަށް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އައިލެންޑް އޭވިއޭޝަނުން ދޭ ޚިދުމަތް ހުއްޓާނުލައި، ޤައުމީ ޚިދުމަތުގައި “މޯލްޑިވިއަން” ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށާއި، މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުން ދެއްވަމުންގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.