English Edition
Dhivehi Edition
ލޯކަލް ގަވަރމަންޓް އޮތޯރިޓީ - ފޮޓޯ: އެލްޖީއޭ

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނިންމުންތައް ނިންމުމަށް ޤާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތަކުން، އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަފުޅަށް އެފަދަ ނިންމުންތައް ނުނިންމުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

އެލްޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅުވައި ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާކުރާކަމުގެ ޝަކުވާ އެ އޮތޯރިޓީ އަށް އެކި ފަރާތްތަކުން ހުށަހަޅަމުން ގެންދާ ކަމަށާއި، އެހެންކަމުން ކައުންސިލްތަކުން އެކަން އެގޮތަށް ނުކުރުމަށް އަންގައި ކައުންސިލްތަކަށް ސަރކިއުލަރއެއް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށާއި، އެ ޙައްޤު ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނު އަސާސީއާ ތަޤާރުޟްނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ކަމަށްވެސް އެލްޖީއޭގެ ބަޔާނުގައި ވެއެވެ.

އަދި އެއްގަމުންނާއި ކަނޑަުމަގުންނާއި ވައިގެމަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަކީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އިޢުލާންކުރާ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެ މާއްދާގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަސްއޫލިއްޔަތެއް ކަމަށްވެސް އެލްޖީއޭ އިން ބުނެއެވެ.

އެހެންކަމުން، ޞިއްޙީ ނުރައްކަލުގެ ޙާލަތުގައި ނިންމުންތައް ނިންމުމަށް ޤާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތުން އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުންފަދަ ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލައަށް އެފަދަ ނިންމުންތައް ނުނިންމުމަށްވެސް އެލްޖީއޭ އިން ވަނީ އަންގައިފަ އެވެ.

ޖުލައި 2012 ގައި އަމަލްކުރަން ފެށި ”އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު“ ގެ ދަށުން 12 މާރިޗު 2020 އިންފެށިގެން 30 ދުވަހަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތުވަނީ އިއުލާންކުރެވިފައެވެ.