ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތި ފަސް ކުރުމުގެ އަމުރަކަށް އެދި ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފި އެވެ
މިކަން އިއުލާން ކުރެއްވީ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ބްރީފިންއެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.
އޭނާ ވިދާޅުވީ، އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ވޯޓުލާ ދުވަސް ކޮވިޑް-19 އާ ގުޅިގެން، އަންނަ މަހުގެ 18 އަށް ފަސްކޮށްފައި އޮތުމަށްފަހު އަނެއްކާވެސް ކައުންސިލްތަކުގެ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގިނަ ކަންކަން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ.
އަޙްމަދު ޝަރީފް ވިދާޅުވީ ހައިކޯޓުގައި އެދިފައިވާނީ ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެއްޖެކަން އެޗްޕީއޭއިން ކަނޑައަޅަން ދެން ވޯޓުލުން ފަސް ކުރުމުގެ ލަފައަކަށްކަމަށެވެ.
މިގޮތަށް ނިންމެވީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ މުއްދަތުން ފެށިގެން ދެން ލިބޭ 6 ދުވަހުގެ މުއްދަތުގައި އެކަށީގެންވާ މުއްދަތެއް ކެމްޕެއިން ކުރުމަށް ނުލިބޭތީއާ، އީސީންވެސް ކުރަންޖެހޭ ބައެއްކަންކަމަށް އެދުވަސްތައް މަދުވާ ތީއާއި އަދި 18 އަހަރުވާ މީހުންގެ ލިސްޓު އެކުލަވާލަން ޖެހެނީވެސް މި މުއްދަތުގެ ތެރޭގައިކަމަށްވެފައި މީހުން ތަމްރީނުކުރަންޖެހޭނީވެސް މިމުއްދަތުގައިކަމަށްވުމުން މިއޮތް ހާލަތުގައި އެކަންކަން ނުކުރެވޭނެތީކަމަށް ޝަރީފު ވިދާޅުވިއެވެ.
އިންތިޚާބުތަކުގެ ޤާނޫނު ބުނާގޮތުން މިއިންތިޚާބު އެންމެ ފަސްކުރެވޭނީ މޭ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
އިންތިޚާބުގެ ވޯޓުލާ ދުވަސް ފަސްކުރިނަމަވެސް މުޅި އިންތިޚާބު ފަސްކުރުމުގެ ޤާނޫނީ ބާރު ކޮމިޝަނަށް ލިބިފައިނުވާތީ ހައިކޯޓުގައި އެދިފައިވަނީ މިހާރުގެ ހާލަތަށްބަލައި މުޅި އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށާއި، އަލުން އިންތިޚާބު ބާއްވާނެ ދުވަހެއް ކަނަޑައެޅުމުގެ އިޚްތިޔާރު އެކޮމިޝަނަށް ދިނުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
އިންތިޚާބު ފަސް ކުރުމުގެ އަމުރަކަށް އެދިފައިވާއިރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ 30 ދުވަސްކުރިން އިންތިޚާބު ބާއްވަންޖެހޭނެ ކަމަށް ޤާނޫނުގައި އޮންނަނީ ބުނެފައެވެ.