މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން އެތެރެވުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އެޗްޕީއޭ އިން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ބަލިން ރައްކާތެރިވުމަށް ޢާންމު ޞިއްޙަތުގެ ރައްކާތެރިކަމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރެަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ހިންގާ ގެސްޓްހައުސްތަކާއި ސިޓީ ހޮތެލްތަކަށް މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
އަދި މިހާރު އެފަދަ ތަންތަނުގައި ޗެކްއިންވެފައި ތިބި ބިދޭސީ ފަތުރުވެރިންނަށް ބުކިންގގެ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތްކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މީގެ އިތުރުން އެކަމާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން އެކަން ތަންފީޒުކުރުމަށް ބާރުއަޅައިދެއްވުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންގެންދާއިރު، މިހާތަނަށް މި ބައްޔަށް ރާއްޖެއިން 10 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.